ޚަބަރު

ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމާ” ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި”

30 އޯގަސްޓް 2016

“ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް” (ޖޭ.ސީ.އެމް) މަސައްކަތު ބައްދަލުވުން މިއަދު ހޮޓަލް ޖެންގައި ފަށައިފިއެވެ. “ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމް” މި ނިޒާމަކީ، ޖައްވަށް ދޫކުރެވޭ ވިހަގޭސް މަދުކުރުމަށް ބޭނުންކުރެވެމުން އަންނަ ނިޒާމްތަކުގެ ތެރެއިން ޖަޕާނުގެ ފަރާތުން އިސްނަގައިގެން ކުރިޔަށް ގެންދާ ނިޒާމެކެވެ. މިނިޒާމްގެ ތެރެއިން ޖަޕާން ސަރުކާރުގެ ތާއިދާއެކު، އެ ޤައުމުގެ ކުންފުނިތަކުން މިހާރުވެސް ގެންދަނީ ކާމިޔާބުކަމާއިއެކު ބައެއް ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫއުތައް ހިންގަމުންނެވެ.

[“media id=”998]

މިނިޒާމް އެކުލެވިފައިވާ ގޮތުން، ކާބަން މަދުކުރުމަށް ޖަޕާނުން ކުރާ އިންވެސްޓްމަންޓްތަކުން މަދުކުރެވޭ ކާބަންގެ މިންވަރަކުން ޖަޕާނަށް ” އޮފްސެޓްސް ކުރެޑިޓްސް ” ލިބެއެވެ. ރާއްޖެއަށް ލިބޭ ފައިދާތަކުގެ ތެރޭގައި އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ތަޢާރަފްކުރުމުގެ ގޮތުން ޖަޕާނުގެ ކުންފުނިތަކުން ރާއްޖެއަށް އިންވެސްޓްކުރުމަށް މަގުފަހިވުމާއި މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް އެހީތެރިކަން ލިބުން ހިމެނެއެވެ. އަދި މީގެއިތުރުން އިޢާދަކުރަނިވި ހަކަތައިން އުފެއްދޭ ހަކަތައިގެ ސަބަބަން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވި އިޤްތިޞާދަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މި ސްކީމްގެ ދަށުން އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ފީސިބިލިޓީ ސްޓަޑީޒް ހެދުމަށާއި މިދާއިރާގެ މަޝްރޫޢުތައް ހިންގުމަށް އެހީ ލިބުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން މިއަދު މިފެށުނު ބައްދަލުވުމަކީ ޖޭ.ސީ.އެމް އަށް ހޭލުންތެރިކަން އިތުރުކުރުވައި ޖަޕާނުގެ ކުންފުނިތަކާއި ގުޅިގެން ރާއްޖޭގައި ހިންގިދާނެ މަޝްރޫޢުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި މި މިނިސްޓްރީއާ ގުޅިގެން ހޮޓެލް ޖެންގައި (30-31 އޯގަސްޓް 2016) އަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟީލް ޢަބްދުﷲ މަޖީދެވެ.