ޚަބަރު

މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާތީ އެކަމަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރެވިއްޖެ

22 ޖުލައި 2024

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ތާރިޤް އިބްރާހީމް ވަނީ ސިންގަޕޫރުގެ ފްލޯޓިންގ ޕަވަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނާ ބައްދަލުކުރައްވައި، މާލެ ސަރަޙައްދުގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މާލެ ސަރަޙައްދުގެ ކަރަންޓުގެ ބޭނުން އިތުރުވަމުންދާ މިންވަރާއި، އެކި ބާވަތުގެ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ދާއިރާގައި ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

މިނިސްޓަރ ތާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ ތަރައްޤީއާއެކު ކަރަންޓުގެ ބޭނުން އިތުރުވަމުންދާތީ، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ. އަދި މިކަމަށް ޙައްލު ހޯދުމުގައި އައު ޓެކްނޮލޮޖީ ބޭނުންކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.