ޚަބަރު

މިނިސްޓަރ ތާރިޤު އިބްރާހީމް އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކޮށް ސްކޫލުތަކުގައި ހަކަތަ ޒިންމާދާރު ގޮތުގައި ބޭނުންކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

24 ޖުލައި 2024

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރައިގެ ވަޒީރު ތާރިޤު އިބްރާހީމް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ސްކޫލުތަކުގައި ހަކަތަ ޒިންމާދާރު ގޮތުގައި ބޭނުންކުރުމާއި، ހަކަތަ ސަލާމަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ. އަދި ސްކޫލުތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށްކޮށް، އެކަމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ. މިފަދަ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

 

ދެ މިނިސްޓްރީގެ މެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ސްކޫލުތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެކަމަށް ބޭނުންވާ ވަސީލަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ މިނިސްޓްރީގެ މެދުގައި އިތުރަށް މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ.