ގްރީން ބިލްޑިންގް ކޮންސެޕްޓް ހިމެނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އާކިޓެކްޗަރ ކޯސް އެސެސްކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުމެއް ޝީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގަ މިއަދު ބާއްވާފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމު ކުރި މި ބައްދަލުވުމުގައި ސަރުކާރު އަދި އަމިއްލަ ފަރާތަށް ހިމެނޭގޮތަށް 20 ބޭފުޅުން ބައިވެރިވިއެވެ. މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ އެހީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުސްތަފާގެ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީ އާއެކު ކުރެވޭ މިމަސައްކަތުން ޤައުމަށް މިދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތް ރާއްޖޭގައި ބިނާކުރެވޭނެ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރާ އަލްފާޞިލް އިބްރާހިމް ނަދީމް މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބައްދަލުވުމުން ލިބޭ މަޢުލޫމާތުވެގެން ދާނީ ޤައުމީ ޔުނިވަރސިޓީގެ އާކިޓެކްޗަރ ކޯސް “ގްރީން ބިލްޑިންގް ކޮންސެޕްޓް” ހިމަނައިގެން ފަރުމާކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.