ޚަބަރު

އިމާރާތް ފަރުމާކުރާ ފަރާތްތަކަށް އެނަރޖީ އެފިޝެންސީ އާއި ބެހޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

8 ޑިސެމްބަރ 2016

އިމާރާތް ފަރުމާކުރާ ފަރާތްތަކަށް އެނަރޖީ އެފިޝެންސީ އާ ބެހޭގޮތުން މަސައްކަތު ބައްދަލުވުމެއް ކަސްޓަމްސް އިމާރާތުގެ 8 ވަނަ ފަންގިފިލާގައި މިއަދު ބާއްވައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން އިންތިޒާމު ކުރި މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ 20 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ދެ މަޝްރޫއުކަމަށް ވާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢާއި އެޗްސީއެފްސީ ފޭސްއައުޓް މެނޭޖްމަންޓް ޕްލޭން މަޝްރޫގެ އެހީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މިމަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲހި މަޖީދު ވިދާޅުވީ މިއަދު މިބާއްވާ މަސައްކަތު ބައްދަލުވުމުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ ބޭފުޅުންނަށް އެނަރޖީ އެފިޝެންސީއާ ގުޅޭ މަސައްކަތު ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައި ބޭއްވުމަށް ރާވާފައިވާކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.