އެއްޤައުމުން އަނެއް ޤައުމަށް ނުރައްކާތެރި ކުނި އެތެރެކުރުން ކޮންޓްރޯލް ކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ކުނި މެނޭޖްކުރުމަށް ބާރެއެޅުމަށް އެކުލަވާލާފައިވާ ބާޒަލް މުއާހަދާ ޤައުމީ ފެންވަރުގައި ހިންގުން ހަރުދަނާކޮށް މި މުއާހަދާއާއި ބެހޭގޮތުން ގުޅުންހުރި މިނިސްޓްރީތައް ހޭލުންތެރި ކުރުމުގެ މަޤްސަދުގައި ބާއްވާ 2 ދުވަހުގެ ވޯކްޝޮޕެއް މިއަދު ސޯލްޓް ކޮންފަރަންސް ހޯލްގައި ފަށައިފިއެވެ. ދިވެހިރާއްޖެއިން ތަސްދީގު ކޮށްފައި ވަނީ 1992 ވަނަ އަހަރުއެވެ. މި މުއާހަދާ އަށް ޢަމަލު ކުރުމުގެ ގޮތުން ނުރައްކާތެރި ކުނި ދިވެހިރާއްޖެއިން ބޭރުކުރާނަމަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ކުނި ބޭރުކުރާ ފަރާތްތަކުން ނަގަން ޖެހެއެވެ. ނުރައްކާތެރި ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ ކުނީގެ ލިސްޓެއް 2013 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ކުނިމެނޭޖްކުރުމާއި ބެހޭ ޤަވާއިދުގައި ވަނީ ހިމަނާފައެވެ.ބާޒަލް މުއާހަދާއަށް ގެނެވުނު ބޭން އެމަންޑްމަންޓް އިސްލާހަކީ ތަރައްޤީވެފައިވާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުނި އެތެރެކުރުން މަނާކުރުމަށް ގެނެސްފައިވާ އިސްލާހެކެވެ.
މި ވޯކްޝޮޕް އިފްތިތާޙް ކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ މަޖީދެވެ. މި ވޯކްޝޮޕް އިފްތިތޙް ކުރުމުގެ ރަސްމިއްޔާތުގައި މި މުއާހަދާ ތަންފީޒު ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ސްޓޭޓް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ތިމާވެށި ރައްކާތެރި ކުރުމަށާއި،ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހޯދުމަށް މި މުއާހަދާގެ ތަންފީޒު ކުރުމުގެ މުހިއްމުކަމާއި ބާޒަލް މުއާހަދާގެ ދަށުން އެކުލަވާލާފައިވާ ބޭން އެމަންޑްމަންޓް ދިވެހިރާއްޖެއިން ތަސްދީގު ކުރަމަށް މަޖިލީހުގެ ރުހުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރިޔަށް ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.