އެންމެންނަށް ރައްކާތެރި ސާފުފެން ޔަޤީން ކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މުލަކަތޮޅު ދިއްގަރުގައި ސާފު ފެން ފޯރުކޮށްދެއްވުމަށް ޤާއިމްކުރެވުނު ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މ.ދިއްގަރުގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްގެންދަވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ޙަވާލުކުރައްވައިގެންނެވެ. ދިއްގަރުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 16 މާރޗް 2014 ގައެވެ. އަދި މަސައްކަތް ނިމިފައިވަނީ 04 ޑިސެމްބަރު 2015 ގައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދެވޭނޭ ނިޒާމެއް މ.ދިއްގަރުގައި ޤާއިމްކުރެއްވުމަށް ހިންގެވި މަޝްރޫޢު ނިންމަވާ ފެނުގެ ޚިދުމަތް ދެއްވަން މިވަނީ ފައްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓަވާފައިވެއެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާނގީއެއް ބަހައްޓަވާފައިވެއެވެ. އަދި 4.4 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވެއެވެ. މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް ދިއްގަރުގައި ޤާއިމްކުރެވި، 202 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓަވާފައެވެ. މީގެ އިތުރުން ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، ދިއްގަރުގައި ހުރި ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 500 ޓަނުގެ ތާނގީއަކަށް ޖަމާކޮށް އެފެނުގެ ސާފުކަން ޔަޤީން ކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެގޮތްވެސް ވަނީ ހައްދަވާފައެވެ.
ދިއްގަރުގައި ޚިދުމަތްދެއްވަން ފެއްޓެވި ފެނުގެ ނިޒާމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ކަމެއްކަމަށް އެރަށު ރައްޔިތުން ބުނެއެވެ.
މ.ދިއްގަރުގައި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ. މި މަޝްރޫޢަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވާފައިވެއެވެ.