ޚަބަރު

ދުނިޔޭގެ ތިމާވެށީގެ ދުވަސް 2016 ފާހަގަކުރުމަށްޓަކައި ތިމާވެށީގެ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިއްޖެ

2 ޖޫން 2016

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އިން އިންތިޒާމުކޮށްގެން ދުނިޔޭގެ ތިމާވެށީގެ ދުވަސް (05 ޖޫން) ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ތިމާވެށްޓާއި ގުޅޭ އެކިއެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރުކުރުމެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން މިއަދު މިނިސްޓްރީގައި ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.

ތިމާވެށި ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މާދަމާ ހަވީރު 4:00 ގައި އޮންނަ ޚާއްސަ ރަސްމިއްޔާތުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން، ސްކޫލްކުދިންނަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ފޮޓޯ ގްރަފީ މުބާރާތުން ވަނަވަނަ އަށް ހޮވުނު ފަރާތްތައް ހަނދާނީލިޔުމާއި އިނާމްދިނުން އޮންނާނެއެވެ.

މީގެ އިތުރުން ތިމާވެށީގެ ހާލަތު ދައްކުވައި ދިނުމަށް ސްކޫލްކުދިން ކުރަހާފައިވާ ކުރެހުންތައް ޓައިލްސް އަށް ޕްރިންޓްކުރުމަށްފަހު ދެއްކުން އޮންނާނެއެވެ.
އަދި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭގޮތުން ކުރިއަށްގެންދާ އެނަރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން އިފްތިތާހުކުރުން ވެސް އޮންނާނެއެވެ. މި މުބާރާތް ކުރިއަށްދާނީ ޖޫން ތިނަކުން ޖުލައި ހަތަރަކެށެވެ.

ރަސްފަންނުގައި ކުރިއަށްދާ ހަރަކާތްތަކުގައި ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ޔޫއެންޑީޕީ އާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި އެމްއެންޑީއެފާއި ފުލުހުންނާއި ގިނަ ސްކޫލްތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ. މީގެއިތުރުން ގައުމީ ޔުނިވަރސިޓީ އާއި ދިރާގުން ވެސް ބައިވެރިވެއެވެ.