ޚަބަރު

ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތު އިފްތިތާޙްކޮށްފި

24 އޯގަސްޓް 2017

ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙްކޮށްދެއްވވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން މިއަދު ޗަންޕާ ސެންޓަރްލް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ރާއްޖެގައި ފެނާއި ނަރުދަމާއި ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފެނާ ނަރުދަމާގެ ޤައުމީ ސިޔާސަތުގައި ހިމެނޭ 09 ލަނޑުދަނޑީގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރައްކާތެރި ފެނާ އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމުގައި ތިމާވެއްޓާއި ރައްޓެހި، ޚަރަދުކުޑަ ޓެކްނޮލޮޖީއެއް ބޭނުންކުރުމާއި، ފެނާއި ނަރުދަމާގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މިދާއިރާ ތަރައްޤީކުރުމުގައި އަމިއްލަފަރާތްތަކުގެ ބައިވެރިވުމަށް ތަރުހީބު ދިނުމާއި، ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މިދާއިރާއާ ގުޅުންހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމާއި އަދި ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އެކަށީގެންވާ ފެނާއި ނަރުދަމާ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްދިނުން ހިމެނިފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައިކަމަށާއި އެކި އަތޮޅުތަކުގެ އެކި ރަށްތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ 03 އަހަރު ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބާލާލާއިރު 17 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމުކުރެވި 18 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމުކޮށް ވަނީ ނިމިފައިކަމަށާއި ރާއްޖޭގައި ނަރުދަމާ ނިޒާމް ޤާއިމްކުރެވިފައިވާ ރަށްތަކުގެ ޖުމްލަ އަދަދު 49 އަށް އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ފެނުގެ ނިޒާމް ޤާއިމުކުރެވިފައިވާ ރަށްތަކުގެ ޖުމްލަ އަދަދު 23 އަށް އިތުރު ވެގެންދާނެކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެއިތުރުންވެސް މިއަހަރު 26 ރަށެއްގައި ފެނުގެ ނިޒާމާއި 47 ރަށެއްގެ ނަރުމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި މިހާރުވެސް ކުރިޔަށް ދާކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުނުކެނޑި ސާފުބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށްވެސް ވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިކަމަށާއި މިގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމު އަލަށް ޤާއިމުކޮށް ނިމިފައިވާއިރު، 63 ރަށެއްގައި މިފަދަ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައި މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 12 ރަށެއްގައި ފެން އުފެއްދުމުގެ ޤާބިލްކަމާއެކު ބޯފެން ރަށްކާކުރާ މިންވަރު އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

“ފެނަކީ އަޅުގަޑުމެންގެ ދިރިހުރުމުގެ ޒަރޫރީ ބޭނުންތަކުގެ އެންމެ މުހިއްމު އެއް އަސާސް ކަމުގައިވާތީ ފެނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ރާއްޖޭގެ ބިމުގެ ފެންފަށަލަ ރައްކާތެރިކޮށް ވާރޭފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެނުން ލިބެންހުރި ފައިދާތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ހަރުދަނާ ސިޔާސަތެއް އޮތުމަކީ މުހިންމު ކަމެއް. އަދި ފެނާއި ނަރުދާމާގެ ޚިދުމަތްތައް ދެމެހެށްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި މިފަދަ ސިޔާސަތެއް އޮތުމަކީ ވަރަށް މުހިއްމުކަމެއް” މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތަކީ މިދާއިރާގެ އަމާޒުތަކަށް ވާޞިލުވެ ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުންހިފޭގޮތަށް ލިބިގެންދާ މަގުޗާޓެއް ކަމަށާއި ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނީ މިކަމާގުޅުންހުރި ވުޒާރާތަކާ ކުންފުނިތަކާ އޮފީސްތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިންކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ލަނޑުދަނޑިތަކުގެ އަމާޒަށް ވާސިލްވުމަށްޓަކައި މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށާއި މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތްތަކަށް ބަލާލާއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާތައް އިތުރަށް ޚަރުދަނާ ކުރުމަށްޓަކައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެހީގައި އެކަށީގެންވާ ފެންވަރެއްގެ ތަމްރީން ޕްރޮގްރާމް ތަކެއް ފެށި ކުރިއަށް ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފެނުގެ ވަސީލަތްތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި “ފެންފަހި” ގެ ނަމުގައި ނޭޝަނަލް އެވެއަރނަސް ކެންޕޭނެއް ވަނީ ފަށާފައިކަމަށާއި މީގެއިތުރުން ރާއްޖޭގެ އާބާދީގެ %41 އަށް ސާފު ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު އާބާދީގެ %48 ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭންވަނީ ފެށިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ އަދި ފެނާއި ނަރުދަމާގެ މަސައްކަތްތައް މިހާރު ރޭވިފައިވާ ގޮތަށްބަލާއިރު 2018 ވަނައަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ %75 އަށް ނަރުދަމާއާއި ފެނުގެ ޚިދުމަތް ޔަޤީންކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލު ކުރެވޭނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.

މިއަދު މި އިފްތިތާހް ކުރެވިގެން ދިޔަ ފެނާ ނަރުދަމާގެ ސިޔާސަތަކީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށްޓަކައި ހުޅުވާލެވޭ އިތުރުދޮރެއް ކަމަށާއި އަދި ރާއްޖޭގެ ފެނާއި ނަރުދާމާގެ ދާއިރާ ކުރިއެރުމަށް އަލިވެގެން ދިޔަ މަގެއްކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެއިތުރުން މއީ ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.