ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރ. މީދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ރ. މީދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުއަކީ މިނސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
މީދޫގެ ނަރުދަމާގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 04 ޖުލައި 2015 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 04 ޖޫން 2016 ގައެވެ. މި މަޝްރޫޢުގެ ދަށުން 02 ޕަމްޕް ސްޓޭޝަން ބަހައްޓައި 8.9 ކިލޯމީޓާރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 45,662,326.95 (ސާޅީސް ފަސް މިލިއަން ހަސަތޭކަ ފަސްދޮޅަސް ދެހާސް ތިން ސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ފަސް ލާރި) ދިވެހި ރުފިޔާއެވެ.
ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.