އެނަރޖީ އެފިޝެންސީ ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމް ފުރިހަމަކުރުމަށް، ދިވެހިރާއްޖެއަށް އެއަރކޮންޑިޝަނަރ، ރެފްރިޖަރޭޓަރ އަދި އޮޓޮމެޓިކް ދޮންނަމެޝިން އެތެރެކުރާފަރާތްތަކުގެ ޚިޔާލުހޯދުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުﷲހި މަޖީދެވެ. މި މަސައްކަތު ބައަދަލުވުމުގައި ދިވެހިރާއްޖެއަށް އެއަރކޮންޑިޝަނަރ، ރެފްރިޖަރޭޓަރ އަދި އޮޓޮމެޓިކް ދޮންނަމެޝިން އެތެރެކުރާފަރާތްތަކުގެ އިތުރުން ކަމާއިގުޅުންހުރި ދައުލަތުގެ މުއަސަސާތަކުންން ޖުމްލަ 22 ބޭފުޅުން ބައިވެރިވިއެވެ.
މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ފަރާތުން ތައްޔާރުކުރާ އެނަރޖީ އެފިޝަންސީ ސްޓޭންޑަރޑްސް އެންޑް ލޭބަލްގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ފުރިހަމަ ކުރެވިފައެވެ. އެގޮތުން އެނަރޖީ ލޭބަލެއް ތައްޔާރުކުރުމަށް ބޭނުންވާ އުސޫލުތަކާއި ލިޔެކިޔުންފަދަ ތަކެތި ވަނީ ތައްޔާރުކޮށްނިމިފައެވެ. ރާއްޖެއަށް މިފަދަ ލޭބަލެއް ތާޢާރަފްކުރުމުގެ މަޤްޞަދަކީ ރާއްޖޭގައި އިތުރުވަމުންދާ ޢިމާރާތްތަކުގައި ބޭނުންކުރާ ހަކަތައިގެ މިންވަރު މަދުކުރުމަށް ބާރުއެޅުމާއި ބާޒާރުގައި ވިއްކަން ހުންނަ ކަރަންޓް އާލާތްތަކުގެތެރެއިން ހަކަތަ ސަމަކާރަ ތަކެތި ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ތަޢާރަފްކުރުމެވެ. އަދި ހަކަތަ އުފެއްދުމަށް އަންދާ ތެލުގެ ނިސްބަތް ދަށްކޮށް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.