އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ މާއްދާތަކުގެ އިންވެންޓްރީ ހެދުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުން މިއަދު މިނިސްޓްރީގައި ފަށައިފިއެވެ. އެގޮތުން މި މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުﷲ މަޖީދެވެ. މިނިސްޓަރ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެއްޓަށް ގެއްލުންދޭ މާއްދާތައް ކުޑަކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިހާތަނަށް ތިމާވެއްޓަށް ގެއްލުންދޭ މާއްދާތަށް ރާއްޖެ އެތެރެވެފައިވޭތޯ ބަލައި 2030 އަންނަން ވާއިރަށް އެ މާއްދާތަށް ކޮންޓްރޯލް ކުރެވޭނެ މިންވަރު ބެލުމުގެ އިތުރުން ތިމާވެއްޓަށް ގެއްލުންދޭ މާއްދާތަށް ކޮންޓްރޯލްކޮށް މެނޭޖްކުރުމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކަމާގުޅޭ އެކި މުއައްސަސާތަކުން ޖުމްލަ 20 މީހުން ބައިވެރިވެއެވެ. މިއީ މިގޮތުން ބޭއްވޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ. މިކަމާގުޅޭ އިތުރު އެއް ބައްދަލުވުން ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިވާއިރު އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ މާއްދާތަކުގެ އިންވެންޓްރީ ހެދުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ.