އެއާކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަންގެ ދާއިރާއިން ދިވެހި މާކެޓަށް އަލަށް ނެރޭ ޓެކްނޮލޮޖީތަކަށް ފަންނީ މީހުން އަހުލުވެރިކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ އިން ތަމްރީނު ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ. އެއް ދުވަހުގެ މުއްދަތުގެ މިތަމްރީނު ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އދ ގެ ތިމާވެށި ޕްރޮގްރާމް، ޔުނެޕް އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އެއްބާރުލުމާއެކުގައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަންނީ ވަސީލަތްތަކުގެ އެހީގައި، ނަޒަރީގޮތުންނާއި އަމަލީގޮތުން ބައިވެރިން ތަމްރީނުކޮށްދެއްވީ ޔުނެޕްގެ އިންޓަރނޭޝަނަލް ކޮންސަލްޓަންޓް ޑރ. އަންޝު ކުމާރުއެވެ.
ފިނިކުރުމުގެ ދާއިރާގައި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވި މިޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންނާއި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ބޭފުޅުންނާއި ރިސޯޓުތަކުގެ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.
ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކްރަޓެރީ އަލްފާޟިލް އަޖްވަދު މުސްޠަފާއެވެ.
ފިނިކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމެއް މިއަދު ހިންގާފައިވާއިރު، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުންކުރެވޭ މާއްދާތަކުގެ ސާރވޭއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ވެސް އިއްޔެ ވަނީ މިނިސްޓްރީގައި ކުރިއަށްގެންގޮސްފައެވެ. އޯޒޯން ފަށަލަ ގެއްލުންދޭ މާއްދާތަކުގެ މިންވަރު މަދުކުރުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ވެސް ކުރެވޭ މަސައްކަތްތަކެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ މަޖީދު އިއްޔެ ވިދާޅުވެފައިވެއެވެ.
“އޯޒޯން ޑިޕްލީޓިން ސަބްސްޓޭންސަސް – އޯޑީއެސް” ނުވަތަ އޯޒޯން ފަށަލައަށް ގެއްލުންދޭ ގިނަ މާއްދާތަކަކީ ޖައްވު ހޫނުކުރުމުގައި ވެސް މެދުވެރިންނެވެ. އެގޮތުން “ޝޯޓްލިވްޑް ކްލައިމެޓް ޕޮލިއުޓެންޓް – އެސްއެލްސީޕީ” ނުވަތަ ކުރު މުއްދަތަށް ޖައްވު ތަޣައްޔަރު ކުރާ މާއްދާއެއް ކަމުގައިވާ އެޗްއެފްސީ އަކީ މީގެ މިސާލެކެވެ. އެސްއެލްސީޕީ އާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި 2012 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ކްލައިމެޓް އެންޑް ކްލީން އެއަރ ކޯއެލިޝަން، ސީސީއޭސީގައި ބައިވެރިވެފައެވެ.