ޚަބަރު

ގދ. ތިނަދޫގެ ސްޓޯމްވޯޓަރ މެނޭޖްމަންޓް ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފި

1 ސެޕްޓެމްބަރ 2016

ގދ. ތިނަދޫގެ ސްޓޯމްވޯޓަރ މެނޭޖްމަންޓް ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ޢެމް.އާރު.ޑީ.ސީ) އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެމް.އާރު.ޑީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަހުމަދު މަމްދޫހެވެ.

މި މަޝްރޫޢު ނިންމުމުން ގދ. ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. މިގޮތުން މިމަޝްރޫޢުގެ ދަށުން ސައިޑްވޯކްސްތަކުގެ ދަށުގައި އިންސްޓޯލްކުރެވޭ އަކުއާ ސެލްސްތަކުން ވިއްސާރަ މޫސުމުގައި ވެހޭ ވާރޭ ފެނުގެ 2000 ކޮޑިމީޓަރު ރައްކާކުރެވޭނެއެވެ. މިފެން ބިމުގެ ފެންފަށަލައަށް ފޭދުމުން ރަށުގެ ފެންފަށަލަ ދެމެހެއްޓެނިވި ގޮތަކަށް އިއާދަކުރުމަށް މަސައްކަތްކޮށްދޭނެއެވެ. ވާރޭ ވެހެމުންދާއިރު މިސެލްތައް ފުރުމުން އިތުރުވާ ފެންތައް ޕަންޕްގެ ނިޒާމުން ރަށުން ބޭރުކުރާ ގޮތަށް ފަރުމާ ކުރެވިފައިވެއެވެ.

މި ކޮންޓްރެކްޓުގެ ޖުމްލަ އަގަކީ 37,925,762.33 ދިވެހި ރުފިޔާއެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ 08 މަސް ދުވަހުގެ ތެރޭގައެވެ.