ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް 10 އަހަރުގެރޭގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކުރަން މިހާރުން މިހާރަށް، އަވަސް ހައްލެއް ހޯދަން ޖެހޭ!
ކައިރި މުސްތަޤްބަލެއްގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކަޑައަޅާފައިވާ ލަނޑުދަޑިއަށް ވާސިލްނުވެވޭނެ ކަމަށް، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ދިރާސާކުރާ އެންމެ ތަޖުރިބާކާރު ސައިންޓިސްޓުން ހިމެނޭ، ބައިނަލްއަޤްވާމީ ޖަމިއްޔާ ކަމުގައިވާ، އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް (IPCC) އިން މިއަދު ހާމަކުރި ރިޕޯޓުގައި ބަޔާންކޮށްފި. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވަރަށް އަވަސް ބާރުމިނެއްގައި އައިސްފަ، އަދި ކުރިއަށް އޮތްތަނުގައިވެސް މިހާތަނަށް ފެނިފައިނުވާފަދަ ބަދަލުތައް ކުރިއަށްއޮތް ތަނުގައި ފެނުން އެކަށީގެންވޭ.
މި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ: ސިނާއީ އިންޤިލާބުން ފެށިގެން މިއަދާ ހަމައަށްވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވަމުން އަންނަކަމަށާއި، އަދި މިވަގުތު ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ހުރީ ގާތްގަޑަކަށް އަހަރަކު 40 ގިގަ ޓަނުގައި ކަމަށް. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެވެރެޖްކޮށް އަހަރަކު މިވަރަށް ޖައްވަށް ވިހަ ގޭސް ބޭރެކުރެވޭނަމަ، ކުރިއަށް އޮތްތަނުގައި 1.5 ޑިގްރީހަށް ވުރެ މައްޗަށް ދެނިޔޭގެ ފިނިހޫނުމިން އަރައިގެންދާނެކަމަށް ވެސް ބަޔާންކޮށްފައިވޭ. މިގޮތުން ބޭރުކުރެވޭ ވިހަގޭހުގެ ސަބަބުން ކުރާ އަސަރު ތަކުގެ ތެރޭގައި، ދުނިޔޭގެ މޫސުމީ ނިޒާމު އާދަޔާހިލާފަށް ބަދަލުވެ، މިކަމުގެ ސަބަބުން ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެ، ފެނަށް ޖެހުން އިތުރުވެފައިވާ ކަމަށް ބަޔާންކޮށްފައިވޭ. ހަމަ އެއާއިއެކު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ޤަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރުވެސް އިތުރުވާނެ ކަމަށް ބަޔާންކޮށްފައިވޭ. އަދި، މި ދެންނެވި ފަދައިން، ކަނޑުގެ ލޮނުގަނޑު އުފުލުމެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައި ވީނަމަވެސް، މިވަގުތުގެ އަންދާޒާތަކުން، މި ފަދަ ކާރިސާތައް މި ޤަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ. އަދި، 2 ޑިގްރީސް ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ އަދި މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްވެސް ދަތިވުން އެކަށީގެންވާކަމަށް ބަޔާންކޮށްފައިވޭ.
އެހެންނަމަވެސް، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ، ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ވަރަށް ހަލުވިކަމާއިއެކު އެކަށީގެންވާ މިންވަރަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކުރެވިއްޖެނަމަ، މި ދެންނެވި މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވޭނެ. އެހެންނަމަވެސް މީގެ ނަތީޖާ ފެންނަން މަދުވެގެން 20-30 އަހަރު ނަގާނެކަމަށްވެސް ބަޔާންކޮށްފައިވޭ.
މި ރިޕޯޓަކީ އައި.ޕީ.ސީ.ސީގެ 6 ވަނަ އެސެސްމަންޓަށް، އެއް ވަނަ ވޯރކިނގް ގްރޫޕްގެ(WG1) ނިންމުންއްތައް ބަޔާންކޮށް ހުށައަޅާފައިވާ ރިޕޯޓެއް. މި ރިޕޯޓުގެ މަޤްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނިމި ދިޔަ އަހަރުތަކުގައާއި، މިހާރު އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރު ހޯދާ ދިރާސާކުރުން. މި ރިޕޯޓްވަނީ މިދިޔަ ހުކުރު ދުވަހު، ދުނިޔޭގެ 196 ޤައުމަކުން ބަލައިގަނެފައި. ކޮޥިޑްގެ ހާލަތާއި ގުޅިގެން މި ރިޕޯޓްއާއި ބެހޭ ބަހުސްތައް މިއަހަރު ހިގާފައިވަނީ 26 ޖުލައި އިން ފެށިގެން 2 ހަފްތާއަށް ދެމިގެން ދިޔަ އޮންލައިން ސެޝަންތަކެއްގައި. މިގޮތުން އޮންލައިންކޮށް ބަހުސްކުރެވި ބަލައިގަނެވުނު އައި.ޕީ.ސީ.ސީގެ ފުރަތަމަ ރިޕޯޓަށް މި ރިޕޯޓްވެގެންދާނެ. މި ރިޕޯޓް ތައްޔާރުކުރުމުގައި ދުނިޔޭގެ 66 ޤައުމަކުން 234 ސައިންޓިސްޓުން މަސައްކަތްކޮށްފައިވޭ. ތިރީގައިވާ ލިންކްއިން މި ރިޕޯޓް ލިބިވަޑައިގަންނަވާނެ.