ޚަބަރު

ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށްޓަކައި ސިވިލް ސާރވިސްގެ އޮނިގަނޑަށް ބަދަލުގެނެސް، ނަތީޖާއަށް ބަލާފައި ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

8 މާޗް 2022

ޔޫންއެން މޯލްޑިވްސް އާއި އެޗްޑީސީ އަދި އަމިއްލަ ޖަމްއިޔާތައް ގުޅިގެން “މިއަދު މާދަމާ” ގެ ނަމުގައި ހުޅުމާލެ ބީޗް (ބީޗް ކްލަބް- ރާޅުގަނޑު1) ގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއާއި ގުޅިފައި ހުރި ހުރިހާ މުހިންމު ޕްރޮޖެކްޓެއްގެ ފަންނީ ހުރިހާ މަސައްކަތެއް ކުރައްވަނީ އަންހެން މުވައްޒިފުން ކަމަށާއި، އެހެންނަމަވެސް ސިވިލް ސާރވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެން އެއްވެސް މުވައްޒިފަކު ނެތް ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ވާހަކަދައްކަން ޖެހޭ ހަގީގީ މައްސަލައަކީ މިއީ ކަމަށާއި، މި ކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

“އަޅުގަނޑުމެން މިނިސްޓްރީގައި އެބަތިއްބެވި އިންޖިނިއަރުންނާއި ސައިންޓިސްޓުން، ރާއްޖޭގެ ޓެކްސް ސެކްޓަރުގައި އެންމެ ފުންނާބު އުސްކޮށް ތަމްރީނުވެ ހުނަރު ލިބިފައި ތިބި މުވައްޒިފުން، އެހެން ނަމަވެސް އެބޭފުޅުންނެއް ނުފެނޭ ޑިރެކްޓަރ ޖެނެރަލް އަދި  ޑިރެކްޓަރ ލެވެލް ފެންވަރުގައެއްވެސް” މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސާރވިސްގެ މި އޮނިގަނޑު އެތައް ގުނައަކުން އިސްލާހުކުރަންޖެހޭ ކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރާ މިންވަރާއި އައުޓް ޕުޓް ނެރޭ މިންވަރާއި، ރިޒަލްޓް އޮރިއެންޓެޑް މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ބައްޓަންވެގެން ނޫނީ، އަންހެން މުވައްޒިފުންނަށް މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއިން ޒަމާނެއްގައިވެސް ނުލިބޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، އެންމެ އިސްކަމެއް ދެއްވައި ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހާއި، އަދި އާއްމު ރައްޔިތުންނާއި ސިވިލް ސާރވިސް އާއި އެކީގައި މިއަދު ދައްކަންޖެހޭ މުހިއްމު ވާހަކައަކީ މިއީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަމަށެވެ.