މި ބައްދަލުކުރެއްވުމަކީ ކްރޮސްރޯޑްގައި ކުރިއަށް ދިޔަ ގްލަސްގޯ-ޝާރމް އެލްޝެއިޚް ވޯރކް ޕްރޮގްރާމް އޮން ދަ ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން ޕްރޮގްރާމްގެ ހަވާސާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ޖީޖީއޭގެ ޕްރޮގްރާމްގައި ރާއްޖެއިން އެކްޓިވް ރޯލެއް ނަގައިގެން މަސައްކަތް ކުރުމަކީ ރާއްޖެ އަށް ލިބޭނެ އުފަލެއް ކަމަށެވެ. ޖީޖީއޭގެ ޕްރޮގްރާމްގައި މަޝްވަރާކޮށްފައިވާ ކަންތައްތަކަށް ޙައްލެއް ބޭނުންވާ ކަމަށާއި، ފަސްނުޖެހި ކުރިއަށް ދެވެން އެބައޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ކްރޮސްރޯޑްގައި މިއަދު ކުރިއަށް ދިޔަ ޖީޖީއޭގެ ޕްރޮގްރާމްތަކުގެ ހަވާސާ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރ ޝައުނާ ވަނީ އިޖިޕްޓްގެ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކޮޕް27 އެންވޯއީ އެންޑް މިނިސްޓީރިއަލް ކޯޑިނޭޓަރ ޑރ ޔާސްމީން ފުއާދު އާއިވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ކޮޕް27 ގެ ކުރިން ރަނގަޅު ކުރަންވެފައި ހުރި ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މަޝްވަރާތަކުގައި ދެބޭފުޅުންވެސް ވަނީ ޖީޖީއޭ ޕްރޮގްރާމްގެ ތެރޭން ކުރަން ހުރި ކަންތައްތައް ކުރުމުގައި ދިމާވަމުން އަންނަ ދަތިތަކާއި ކަންބޮޑުވުންތައް ފާހަނގަކުރައްވާފައެވެ.