ޚަބަރު

އެންހާންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވާރކް ވަރކްޝޮޕް ހިންގައިފި

25 ޖަނަވަރީ 2024

23 ޖެނުއަރީ 2024އިން 25 ޖެނުއަރީ 2024އަށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ “ހޭންޑްސް އޮން ޓްރެއިނިން ވަރކްޝޮޕް އޮން އެންހާންސިންގ އިންސްޓިޓިއުޝަނަލް އެރޭންޖްމަންޓްސް އެންޑް އިފެކްޓިވް އިމްޕްލިމެންޓޭޝަން އޮފް ދަ އެންހާންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވަރކް (އީ.ޓީ.އެފް.)” ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި، ޔޫ.އެން.އެފް.ސީ.ސީ.ސީ.އާއި، ޗެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޮރ ޓްރާންސްޕޭރެންސީ ގްލޯބަލް ސަޕޯރޓް ޕްރޮގްރާމް (ސީބިޓް-ޖީއެސްޕީ) ގުޅިގެން ހިންގި މި ތަމްރީނުގައި އެކި މިނިސްޓްރީތަކުގެ މުވައްޒަފުންނާއި، ކަމާގުޅޭ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތަމްރީނުގެ މައިގަނޑު މަގުސަދަކީ ޕެރިސް އެގްރިމަންޓުގެ ދަށުން ގައުމުތަކުން ޔޫ.އެން.އެފް.ސީ.ސީ.ސީ.އަށް ހުށަހަޅާ ރިޕޯޓުތަށް އީ.ޓީ.އެފް.ގެ ނިޒާމަށް ބަދަލުކުރުމާއެކު، ދިވެހި ރާއްޖެއިން 2019 ވަނަ އަހަރު ހުށަހަޅާފައިވާ ބައެނިއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރު.)ގެ ބަދަލުގައި 2024ގެ ނިޔަލަށް ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓް (ބީ.ޓީ.އާރު.) ހުށަހެޅުމަށް ވަމުންދާ ތައްޔާރީތަކަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވުމެވެ. ބައިވެރިންވަނީ ދިވެހިރާއްޖޭއިން ރިޕޯޓްކުރަން ޖެހޭ މަޢުލޫތައް ދެނެގަތުމުގެ އިތުރުން، މިހާތަނަށް ދިވެހި ރާއްޖެއަށް ލިބިފައިވާ ބޭރުގެ އެހީއާއި އިތުރަށް ބޭނުންވާ އެހީގެ މައުލޫމާތު ހިމެނޭ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ތަފާތު ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ. އަދި ބީ.ޓީ.އާރު.ގައި ހިމެނިގެންދާނެ މައުލޫމާތާއި، ދިވެހި ރާއްޖެއިން ހުށަހަޅާ އެހެނިހެން ރިޕޯޓުތަކާއި ބީ.ޓީ.އާރު.އާއި ހުރި ގުޅުމާއި، އީ.ޓީ.އެފް. (implement) ކުރުމަށް ބޭނުންވާ ނިޒާމުތައް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލެވިފައެވެ. މިތަމްރީންގެ ނިމުމުގެ ތެރެއިން، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ މީހުން ބިނާކުރުމަށް ކުރެވޭ މުހިއްމު ކަމެއްކަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުސްޠަފާ ވިދާޅުވިއެވެ.