ޚަބަރު

ރާއްޖޭގައި ވިދުވަރު ދެނެގަތުމުގެ އައު ނިޒާމެއް ޤާއިމްކޮށްފިއެވެ

22 ޖުލައި 2024

މެޓް މޯލްޑިވްސްގައި ވިދުވަރު ދެނެގަތުމުގެ އައު ނިޒާމެއް މިއަދު ރަސްމީކޮށް، މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު  މިނިސްޓަރ ޠާރިޤު އިބްރާޙިމް ހުޅުއްވައިދެއްވައިފިއެވެ. މި ނިޒާމަކީ ޗައިނާގެ އެކަޑަމީ އޮފް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިންގ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ. މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައެވެ. ރާއްޖޭގެ މި ނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެން ވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެއެވެ. މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް އަދި ފަހުން ކުރިއަށް ގެންދެވޭނެއެވެ.

މި އައު ނިޒާމަކީ ދުރު ހިސާބުތަކުގައި ވިދުވަރު ޖެހޭ މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭނެ ނިޒާމެކެވެ. މީގެ ސަބަބުން މެޓް މޯލްޑިވްސްއަށް ރާއްޖޭގެ ސަރަޙައްދުގައި ވިދުވަރު ޖެހޭ މިންވަރާއި ގަދަފަދަ ވިލާގަނޑުތައް އުފެދޭ މިންވަރު ވަގުތުން ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތަކެވެ. އަދި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނަޔަށް ބޮޑެތި ގެއްލުންލިބިފައި ވެއެވެ. އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރު ކުރުވައެވެ.

ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ޤާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެއެވެ.