ޚަބަރު

ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސް އެކުލަވާލުމަށް ގްރޫޕް އޮފް އާރތް އޮބްޒަވޭޝަންސް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

28 ޖުލައި 2024

ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި ގްރޫޕް އޮފް އާރތް އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ނަމަކީ “ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓަރ ފޮރ ދަ މޯލްޑިވްސް” އެވެ.

މި އެމްއޯޔޫގައި ސޮއިކުރުމާއެކު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެއެވެ. މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި، ސަރުކާރުން ފަހަކަށްއައިސް އިޢުލާންކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް މި އެޓްލަސް މުހިންމު ދައުރެއް އަދާކުރާނެއެވެ.

ޤައުމީ ފެންވަރުގައި ޤުދުރަތީ ޕާކުތަކާއި، ބަޔޯސްފިއަރ ރިޒާވްތަކާއި، އިކޯޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވަރކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ. މި އެޓްލަސްގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

 

މި މަޝްރޫޢުގެ ދަށުން އެކުލަވާލެވޭ އެޓްލަހުގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި، އެ ސަރަހައްދުތަކުގެ މަޢުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ޔޫ.އެސް.އޭ.އައި.ޑީގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައި.ޔޫ.ސީ.އެން އާއި ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށެވެ.

މިނިސްޓްރީން ވިދާޅުވީ ގޮނޑުދޮށާއި ކަނޑުގެ ވެށްޓަށް ބަރޯސާވާ މިންވަރު ބޮޑު ޤައުމަކަށްވާތީ، މިފަދަ އެޓްލަހެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. އަދި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް މި އެޓްލަސް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޕައިލެޓް ޤައުމެއްގެ ގޮތުގައި ރާއްޖެ ހޮވި ކަމަށްޓަކައި ޖީ.އީ.އޯ އަށް މިނިސްޓަރޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ޖީ.އީ.އޯ އާއެކު ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.