ޚަބަރު

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލިސިސްއެއް ހެދުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފި

10 ނޮވެމްބަރ 2016

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ބާޒާރަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހެދުމަށް މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މިއަދު މި މަސައްކަތް ޙަވާލުކުރީ ސީޑީއީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ޙަވާލުކުރީ ތިން މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 254,646 ދިވެހި ރުފިޔާއަށެވެ. މިއީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއެނަލިސިސް ގައި ރާއްޖޭގައި ގެންގުޅޭ 9 ބާވަތުގެ ކަރަންޓު އާލާތް ހިމަނާފައިވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ސަސްޓެއިނަބަލް ޑިވެލޮމްމަންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާ ސައީދެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މި ދިރާސާގެ މައިގަނޑު މަޤްސަދަކީ ކަރަންޓު ސާމާނުގެ ހަކަތަބޭނުންކުރާ މިންވަރު އަދި އެތަކެތީގެ އެފިޝެންސީ ހުރިމިންވަރު ދެނެގަތުން ކަމަށެވެ. މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭ ގައި އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރެވޭނެއެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.