ޚަބަރު

ސ. ފޭދޫ، ސ. މަރަދޫފޭދު އަދި ސ. މަރަދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

29 އޭޕްރިލް 2017

ސ. ފޭދޫ، ސ. މަރަދޫފޭދު އަދި ސ. މަރަދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި ރަށްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ހިނގާ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަނޓް (އޮފިޑް) ލޯންއެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ދިވެހި 130,650,218.90 ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އާއި ސ. ފޭދޫގައި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2018 ގެ ޖޫން މަހުގައެވެ.