ޚަބަރު

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި

19 ޖުލައި 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު 5 ޖުލައި 2017 ގައި ސޮއިކުރެވުނު ފަހުމުނާމާއަކީ ރާއްޖޭގެ ހިންގާ މާލީ އިދާރާތަކުން، ޢިމާރާތްތަކަށާއި ޢިމާރާތުގައި ހުންނަ ހަކަތަ ބޭނުންކުރާ ތަކެއްޗަށް ދޫކުރާ ލޯނާއި އެހެނިހެން ޚިދުމަތް ދިނުމުގައި ތިމާވެއްޓައި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅާތޯ ބެލުމާއި މިދާއިރާއަށް އިސްކަންދެވޭ މިންވަރު ދިރާސާކުރުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މި ފަހުމު ނާމާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފެވެ.
މިދިރާސާއަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުން ހަދާދިރާސާއެކެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން މިނިސްޓަރ ތާރިޤް ދެއްކެވި ވާހަކަ ފުޅުގައި، އެނަރޖީ އެފިޝަންޓް ތަކެއްޗަށް (ޢިމާރާތަށާއި ހަކަތަ ބޭނުންކުރާ ތަކެއްޗަށް) ފުރަތަމަ ކުރަންޖެހޭ އިންވެސްޓްމަންޓް ބޮޑުވި ނަމަވެސް އެފަދަ ތަކެތި ބޭނުންކުރުމުގައި ހަކަތަ އިޤްތިސާދުވުމުން އެތަކެތި ބޭނުން ކުރުމަށް ކުރާ ޚަރަދު (ރަނިންގ ކޮސްޓް) ކުޑަވެ، މުޅި ޚަރަދު (ލައިފް ޓައިމް ކޮސްޓް) ކުޑަވުމުން އެތަކެތީގެ އަސްލު ޚަރަދު ކުޑަކަމުގައި ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފް ދެއްކެވި ވާހަކަފުޅުގައި މިފަދަ ދިރާސާތައް ކުރުމަށް ޔުނިވަރސިޓީއަށް ފުރުސަތު ދެއްވާކަމަށްޓަކައި އުފާކުރައްވާ ކަމަށާއި މިފަދަ ދިރާސާތަކުގެ ސަބަބުން ޤައުމުގެ މުސްތަޤްބަލަށް އޭގެ ފައިދާ އެތައްގޮތަކުން ކުރާނެކަމަށް ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭހުގެ ތެރެއިން 30 އިންސައްތަ ބޭރުވަނީ، އަދި އުފައްދާ ހަކަތައިގެ 40 އިންސައްތަ ބޭނުން ކުރަނީ، އިމާރާތްތައްކުންނެވެ.