ޚަބަރު

ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރު ސާފު ހަކަތައަށް ބަދަލުކުރުމުގެ މަގު ޗާޓު އެކުލަވާލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

24 ޖުލައި 2017

ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރު ސާފު ހަކަތައަށް ބަދަލުކުރުމުގެ މަގު ޗާޓު އެކުލަވާލުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. އެއްދުވަހުގެ މި މަސައްކަތު ބައްދަލުވުން އޮތީ ބަނޑޮސް އައިލެންޑް ރިޒޯޓުގައެވެ. މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

ދިވެހިސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން، 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70% ސާފު ހަކަތައަށް ބަދަލުކުރުމުގެ ވަޢުދު ފުރިހަމަ ކުރުމަށްޓަކައި މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ދަނީ ކުރަމުންނެވެ. އެހެންކަމުން މި މަސައްކަތު ބައްދަލުވުމަކީ މިކަމާގުޅޭ ގޮތުން މަޝްވަރާކޮށް މަގުޗާޓު އެކުލަވާލުމަށް ބޭއްވުނު ހައިލެވަލް ވަރކްޝޮޕެކެވެ.
މި މަގުޗާޓުގެ މަޤްސަދަކީ ދައުލަތުން ހަކަތައަށް ޚަރަދުކުރާ މިންވަރު ދަށްކުރުމަށްޓަކައި ގެންނަންޖެހޭ ކަންކަމަށް މަގުދައްކުވައިދިނުމާއި ދިވެހިރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހަކަތަ ފޯރުކޮށްދިނުމަށް އަމިއްލަ އިންވެސްޓަރުންނަށް މަގުފަހިކޮށްދިނުމަށް ބޭނުންވާނޭ ޤާނޫނީ އިސްލާހް ތަކާއި ފައިސާއާއި ގުޅުންހުރި މުއައްސަސާތަކުން ގެންނަންޖެހޭ އިސްލާހީ ފިޔަވަޅުތަށް އެޅުމަށް އެހީތެރިވުމެވެ.

މިއީ ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ތަރައްޤީވެފައިވާ ޤައުމުތަކުން ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް މީގެ ކުރީގެ އެއްވެސް ސަރުކާރެއް ޤާއިމްކޮށްފައި ނެތުމުން މި ސަރުކާރުން އެކުލަވާލާ މަގު ޗާޓެކެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ދުރުރާސްތާ ކަނޑައަޅައި، ޒަމާނީ ފެންވަރުގައި ހަކަތަ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، ހަކަތަ ބޭނުންކުރާ މިންވަރު ދަށްކޮށްދޭ ޒަމާނީ ގޮތްތަކާއި، ޒަމާނީ ފެންވަރުގެ ހަކަތަ ލިއްބައިދިނުމަށް ހުރި އެކިއެކި މަގުތަކާއި އަދި ހަކަތައިގެ ދާއިރާއިން އިސްލާހީ ބަދަލަކަށް ބޭނުންވާ ޤާނޫންތަކާއި ޤަވާއިދުތަށް ތަންފީޒްކޮށްދިނުމަށް މި މަގު ޗާޓު މަގުފަހިކޮށްދޭނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) މިޝަންގެ އިތުރުން ކަމާގުޅޭ އެކި މުއައްސަސާތަކުން 50 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.