ޚަބަރު

މޫސުމާބެހޭ ފަސްވަނަ ޤައުމީ ފޯރަމް ފެށިއްޖެ

2 ޖޫން 2016

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ރީޖަނަލް މަލްޓި ހަޒަރޑް އާލީ ވޯނިންގް ސިސްޓަމް(ރައިމްސް) އާއި ގުޅިގެން ރާއްޖޭގައި ބާއްވަމުން ގެންދަވާ “މޮންސޫން ފޯރަމް” ގެ 5ވަނަ ބައްދަލުވުން މިއަދު ފެށިއްޖެއެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް އެވެ. މޮންސޫން ފޯރަމަކީ ޔޫ.އެން.އެސްކޭޕް ފަންޑްކޮށްގެން ރައިމްސް އިން އެކި ޤައުމުތަކުގައި ބާއްވަމުންދާ ފޯރަމެކެވެ. މީގެކުރިން ހަތަރުފަހަރެއްގައި މިފޯރަމް ރާއްޖޭގައި ބޭއްވިފައިވެއެވެ. މިބައްދަލުވުން ތަކުގެ މައިގަނޑު މަޤްޞަދަކީ މޫސުމާބެހޭ ސައިންޓިފިކް މަޢުލޫމާތު ޢާއްމުބޭނުންތަކަށް ބަށްޓަންކޮށް އެމަޢުލޫމާތު އެންމެނަށް ބޭނުންކުރެވޭ ގޮތުގައި ފޯރުކޮށްދިނުމެވެ. މިފޯރަމްގައި މިހިނގާ ޖޫން މަހާއި ކުރިއަށްއޮތް ތިންމަހުގެ މޫސުން ލަފާކުރެވޭގޮތް ބައިވެރިންނާ ހިއްސާކޮށް، ފާއިތުވެދިޔަ މޫސުމުގައި ކަމާބެހޭ މުއައްސަސާތަކާއި ޖަމްއިއްޔާތަކުން ކުރެއްވި ތަޖުރިބާތައްވެސް ހިއްސާކުރެވޭނެއެވެ. އެހެންކަމުން ކުރިއަށްއޮތް ހުޅަނގު މޫސުމަށް ތައްޔާރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ކުރިމަތިވާނެ ގޮންޖެހުންތަކަށް ތައްޔާރުވެތިބުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެން ދާނެއެވެ. ފެންބޮޑުވުން، އުދައެރުން، ވަޔާއި ކަނޑުގަދަވުން ނުވަތަ ބިންހެލުމާއި ސުނާމީއެރުން ކޮންޓްރޯލް ނުކުރެވޭހިނދު، އެހާދިސާތަކުން ލިބިދާނެގެއްލުން ކުޑަކުރުމަށް ފަރުދީ، ޤައުމީ އަދި ސަރަޙައްދީ ލެވެލްގައި ކުރެވިދާނެ ރަނގަޅު މަސައްކަތްތަކެއް އެބަހުއްޓެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވާނީ މިނިސްޓަރ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީ އޮނަރަބަލް ތޯރިގް އިބްރާހިމް އެވެ.

މި ފޯރަމްގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ރައިމްސްގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ބައެއް ސްކޫލްތައް ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް /ކޯސްޓް ގާޑް، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕަބްލިކް ސަރވިސް މީޑިޔާ އާއި އިތުރު ބައެއް މީޑިޔާތައް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ލޯކަލް ގަވަރަންމަންޓް އޮތޯރިޓީ، މޯލްޑިވްސ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވިއެން ރެޑްކްރެސެންޓް، އެސް.ޓީ.އޯ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އެމް.ޓީ.ސީ.ސީ، އެމް. އަދި އެމް.ޑަބްލިޔު.އެސް.ސީ ހިމެނޭގޮތަށް ތިރީހަކަށް މަންދޫބުން ބައިވެރިވެއެވެ.