ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި ‘ގްރީން ބިލްޑިންގ” ކޮންސެޕްޓްތައް ތަޢާރަފުކުރުމަށް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފު އެވެ.
މި އެއްބަސްވުމުގެ ދަށުން މާލީ އެހީތެރިކަމުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި ކިޔަވައިދެމުންއަންނަ ބެޗެލަރސް ފެންވަރުގެ އާކިޓެކްޗަރ ކޯސް ރިވިޔު ކޮށް، ގްރީން ބިލްޑިންގ ކޮންސެޕްޓްތައް ހިމެނޭގޮތަށް ކޯސް ބައްޓަން ކުރާނެއެވެ. އަދި ގްރީން ބިލްޑިންގ ކޮންސެޕްޓް ހިމަނައިގެން މާސްޓަރސް ފެންވަރުގެ އާކިޓެކްޗަރ ކޯހެއް ފަރުމާ ކުރުމަށް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމު ވިދާޅުވީ އިމާރަތް ކުރުމުގެ ދާއިރާ ނުވަތަ ބިލްޑިން ސެކްޓަރ ހިމެނެނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން ހަކަތަ ބޭނުން ކުރެވޭ އެއްދާއިރާގެ ގޮތުގައި ކަމަށާއި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭސް ތަކުގެ ތެރެއިން %30 އަދި އުފައްދާ ހަކަތައިގެ %40 ހިއްސާ ކުރަނީ ބިލްޑިންގ ސެކްޓަރ ގައި ކަމަށެވެ. ރާއްޖޭގައިވެސް، އުފައްދާ ހަކަތައިގެ ވަރަށް ބޮޑު ނިސްބަތެއްހޭދަވަނީ ބިލްޑިންގ ސެކްޓާރ ގައި ކަން މިނިސްޓަރ ޠާރިޤު ފާހަގަކުރެއްވިއެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ހަކަތަ އިޤްތިސާދުކޮށް ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް މަދުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތައް މަދުކުރުމަށް ގިނަ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިސްނަގައިގެން މިފަދަ މަސައްކަތެއް ފެށުމަކީ އިމާރާތް ކުރުމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ލިބުނުވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
މި ފަހުމުނާމާގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި ކިޔަވައިދޭ އާކިޓެކްޗަރ ކޯސް ބައްޓަންކުރެވިގެންދާނީ ތިމާވެއްޓާ ރައްޓެހި، އިމާރާތް ފަރުމާކުރުމުގައި އިމާރާތުގައި ބޭނުންކުރަންޖެހޭ ފެނާއި ހަކަތަ މަދުކުރެވޭނެ، އަދި “ހަކަތަ އެފިޝެންޓް” ޖައްވަށް ބޭރުވާ ވިހަގޭސް މަދުކުރެވޭނެ ގޮތަށެވެ.