އެކަށީގެންވާ ސާފު ބޯފެނުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުނ ބ. ކެންދޫ، ކ. ގާފަރު އަދި ލ. ގަމުގައި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމަށް ބަޔަކާ މިއަދު ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނިއަރ މިސްޓަރ ވިވެކްއެވެ.
މި މަޝްރޫޢަށް ފަންޑު ކޮށްދެއްވަނީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. އޮފިޑުގެ ލޯނު އެގްރީމެންޓުގައި ސޮއިކުރެވިފައިވަނީ 3 ޖުލައި 2015 ގައެވެ.
މިމަޝްރޫޢުގެ ދަށުން ބ. ކެންދޫއާއި ކ. ގާފަރުގައި އާ.ރޯ ޕްލާންޓަކާއި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ކޮންމެ ރަށެއްގައި ބެހެއްޓޭނެއެވެ. އަދި ލ. ގަމުގައި އާރް.އޯ ޕްލާންޓަކާއި 50 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކެއް ބެހެއްޓޭނެއެވެ.
އޮޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލު ކުރެވިފައިވަނީ 15,466,702.55 (ފަނަރަ މިލިއަން ހަތަރުސްތޭކަ ފަސްދޮޅަސް ހަހާސް ހަތްސަތޭކަ ދެރުފިޔާ ފަންސާސް ފަސްލާރި) އަށެވެ.
މި މަޝްރޫޢު ނިމޭއިރު ބ. ކެންދޫ، ކ. ގާފަރު އަދި ލ. ގަމުގެ ރައްޔިތުންނަށް ސާފްބޯފެނުގެ ޚިދުމަތް ލިބިގެންދާނެވެއެވެ. އަދި މިރަށްރަށަށް ދިމާވެފައިވާ ފެނަށް ޖެހުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހެވެ.