މި މިނިސްޓްރީން ކުރިއަށް ގެންދާ “އެނަރޖީ އެފިޝެންސީ ކުރެހުމުގެ މުބާރާތް 2016″ އަށް ކުރެހުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ ގިނަ ސުކޫލްތަކުން އެކަމަށް އެދިފައިވާތީ އެވެ.
މި މުބާރާތަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތަށް ކުރެހުންތަށް ހުށަހެޅުމުގެ އެއްމެ ފަހު ތާރީޚަކީ 19 ޖުލައި ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މުބާރާތަށް ކުރެހުންތަށް ހުށަހަޅާނީ މުބާރާތުގެ ގައިޑްލައިންސް އާއި އެއްގޮތަށެވެ. ގައިޑްލައިނާއި ޚިލާފުވާގޮތަށް ހުށަހަޅާ ކުރެހުންތައް މުބާރާތުގައި ބައިވެރި ނުކުރެވޭނެއެވެ.
މިމުބާރާތުގެ މަގުސަދަކީ ކްލައިމެޓް ޗޭންޖަށް ހޭލުންތެރިކުރުވުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ހަކަތަ އިގްތިސާދުކުރުމަށް ހިތްވަރު ދިނުމެވެ. ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް އަންނަ ފަރާތަކަށް 2500 ރ ގެ ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާގެ އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް
ކެޓަގަރީ 1: ހަ އަހަރާއި ނުވަ އަހަރާ ދެމެދު
ކެޓަގަރީ 2: 10 އަހަރާއި 11 އަހަރާ ދެމެދު
ކެޓަގަރީ 3: 12 އަހަރާއި 17 އަހަރާ ދެމެދު
ކެޓަގަރީ 4: 18 އަހަރާއި 25 އަހަރާ ދެމެދު
މިމުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވޭ ކުރެހުންތައް ބޭނުންކުރެވިގެންދާނީ ގާލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށްޓަކައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ “އެނާޖީ އެފިޝެންސީ ބެޖް” ގެ ޑިޒައިން ފަރުމާކުރުމަށެވެ.