ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކުގެ މޫސުމީ މައްސަލަތަކުގެ މަޝްވަރާތަކުގެ އެންމެ އުހުގައި ރާއްޖެ

11 އޮކްޓޯބަރ 2017

ދިވެހިރާއްޖެއިން އިސްނަގައިގެން ކުދި ޖަޒީރާ އަދި ބިންތިރި ޤައުމުތަކުގެ މެދުގައި އުފައްދައިފައިވާ އިނިޝިއޭޓިވް ފޯރ ރިނިއުއަބަލް އައިލެންޑް އެނާޖީ (އައިރީ) ގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގެ ޒަރިއްޔާއިން އޭއޯސިސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ، ފަންނީ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާކުރެވިފައިކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒިރުންނާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ބޭރުގެ މަންދޫބުން ބައިވެރިވި މި ބައްދަލުވުން ނިންމާލިއިރު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކަކީ ކޮންމެ ޤައުމެއްވެސް އުފެދިފައިވާ ގޮތުން ތަފާތު ޤައުމުތަކަކަށް ވުމާއެކު އެ ޤައުމަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން އެކި ޤައުމުތަކުގައި އޔާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ގޮތާމެދު ދިރާސާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު ބޮޑެތި ޤައުމުތަކާއިއެކު ވަނީ މަޝްވަރާކުރެވިފައެވެ. އަދި އިޔާދަކުރަނިވި ހަކަތައާބެހޭ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ޕްރައިވެޓް ސެކްޓަރ ބައިވެރިކޮށްގެން ކުރިއަށްގެންދެވިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިއަހަރު ނޮވެމްބަރ މެދުތެރޭގައި ޖަރުމަނުވިލާތުގައި އޮންނަ 23 ކޮންފަރަންސް އޮފް ދަ ޕާޓީސް (ކޮޕް 23) އަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް މަސައްކަތްކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ހައްލުކުރާނެ ގޮތްތައް ރޭވުމަށްވެސް ހުށަހެޅުމަށް ވަނީ އެއްބަސްވެވިފައެވެ.

އޭއޯސިސްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން މި މިނިސްޓްރީގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ އޭއޯސިސް އާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.