ޚަބަރު

“ފަހިއަލި” ޕްރޮގްރާމްގެ ތިންވަނަ ފިޔަވަހީގެ ދަށުން ކޮންމެ ގޭބިސީއަކަށް 05 ލެޑް ބޮކި ބެހުމަށް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފި

22 އޮކްޓޯބަރ 2017

މިއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަރަންޓު ބިލު ކުޑަކުރުމަށް މަގުފަހިކުރުމުގެ ވަޢުދު ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން “ފަހިއަލި” ޕްރޮގްރާމުގެ ނަމުގައި ޚާއްޞަކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުން ޙާޞިލުކުރަން ކަނޑައަޅާފައިވާ މައިގަނޑު ލަނޑުދަނޑިއަކީ ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމާއެކު ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމެވެ.

ފަހިއަލި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 265,000ލެޑް ހޮޅިބުރި ވަނީ ދައުލަތުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް ޙަވާލުކުރެވިފައެވެ. މިގޮތުން މުޅި ޖުމްލަ 164 ރަށަކަށާއި 511 މުއައްސަސާއަކަށްވަނީ ހޮޅިބުރި ފޯރުކޮށްދެވިފައެވެ. މި ހޮޅިބުރި ބޭނުން ކުރުމުން އަހަރަކަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ކަރަންޓު ބިލުން ސަލަމާތް ކުރެވޭނެއެވެ.

މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 75000 ލެޑްހޮޅިބުރި ދައުލަތުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް ވަނީ ހަވާލުކުރެވިފައެވެ. މި ހޮޅިބުރިތަކާއި ބޮކިތައް ބޭނުންކުރުމުން އަހަރަކަށް ގާތްގަނޑަކަށް 7.7 މިލިއަން ރުފިޔާ ކަރަންޓު ބިލުން ސަލަމާތް ކުރެވޭނެއެވެ.

މީގެއިތުރުން ފަހިއަލި ޕްރޮގްރާމުގެ ދަށުން ހިންގާ “ފަހިއަލި ބަނދަރު”ގެ ދަށުން 7 ރަށަކަށް 534 ބަނދަރު ބައްތި ވަނީ ދޫކުރެވިފައެވެ. މި ލައިޓްތައް ބޭނުން ކުރުމުން އަހަރަކަށް ގާތްގަނޑަކަށް 74 މިލިއަން ރުފިޔާ ކަރަންޓު ބިލުން ސަލަމާތް ކުރެވޭނެއެވެ.

މިރޭ ބޭއްވުނު ރަސްމިއްޔާތަކީ މިއަހަރުގެ ހަކަތައިގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ފަރާތުން ފެނަކަ ކޯޕަރޭޝަން އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކުގެ ތެރެއިން ލެޑް ބޮކި ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޗައިނާ ސަރުކާރުގެ އެހީގައި ސަރުކާރުން ދެއްވާ 262,500 ލެޑް ބޮކި ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. ސަރުކާރުން ގޭބިސީތަކަށް މިތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށެވެ. މިގޮތުން ކޮންމެ ގޭބިސީއަކަށް 7 ވޮޓް ގެ 5 ލެޑް ބޮކި ފޯރުކޮށްދެވޭނެއެވެ. މި ބޮކިތައް ބޭނުން ކުރުމުން އަހަރަކަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ކަރަންޓު ބިލުން ސަލަމާތް ކުރެވޭނެއެވެ.

އަދި މި ރަސްމިއްޔާތުގައި ކުޑަކުދިންނާއި ޒުވާނުން އިއާދަކުރަނިވި ހަކަތައަށް އަހުލުވެރި ކުރުވުމުގެ ގޮތުން އިރުގެ އަލިން ހަކަތަ އުފެއްދޭ ހޯމް ސޯލާ ސިސްޓަމްތަކެއް ސްކައުޓް އަދި ގާލްގައިޑް އެސޯސިއަޝަނަށް ވަނީ ހަދިޔާކުރެވިފައެވެ.