މޮންޓްރިއަލް ޕްރޮޓޮކޯލް އަށް 30 އަހަރު ފުރުމާ ގުޅިގެން ބޭއްވި “އޯޒޯން މޮޑެލް ކޮމްޕެޓިޝަން” ގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ.
“އޯޒޯން މޮޑެލް ކޮމްޕެޓިޝަން” އަކީ ގްރޭޑް 1-12 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދެވުނީ 16 ސެޕްޓެމްބަރ އިން 16 އޮކްޓޫބަރ 2017 އަށެވެ.
“އޯޒޯން މޮޑެލް ކޮމްޕެޓިޝަން” ގެ ވަނަވަނައަށް އައި ފަރާތްތަކަށް ސެޓްފިކެޓާއި އިނާމު ބައްސަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟީލް ޠާރިޤް އިބްރާހީމެވެ.
މި މުބާރާތުގެ ތީމް ތަކަކީ އޯޒޯން ފަށަލަ ރައްކާތެރި ކުރާނެ ގޮތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މި މުބާރާތުގެ އެއްވަނަ ހާސިލުކޮށްފައިވަނީ ގާޒީ ސްކޫލްގެ މުޙައްމަދު ވިއާމް އަބްދުﷲ އާއި މުޙައްމަދު އާހިލް އަހުމަދު އިސްޠަފާ އެވެ. މި މުބާރާތުގެ އެއްވަނަ އިނާމަކީ ހުރިހާ ޚަރަދަކާއެކު ތައިލެންޑްގެ ބެންގކޮކް ދަތުރެކެވެ. މި ދަތުރުގައި ޔޫ.އެން އެންވަޔަރަންމަންޓް ގެ އޯޒޯން އެކްޝަން އޮފީސް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ ދެވަނަ ހާސިލުކޮށްފައިވަނީ ގާޒީ ސްކޫލްގެ އަލީ އައިހަމް، ޝައިނީ ހުސެއިން އަދި މުޙައްމަދު ސާމިހެވެ. މި މުބާރާތުގެ ދެވަނަ އިނާމަކީ ރިޒޯޓް ދަތުރެކެވެ. މި ދަތުރުގައި އެ ރިޒޯޓެއްގެ އެއާ ކޮންޑިޝަން އަދި އާރޓް ރެފްރިޖެރޭޝަން ގެ ކަންތައްތައްތަކާއި އޭގެ ހާލަތު ބެލޭނެއެވެ.
މި މުބާރާތުގެ ތިންވަނަ އިނާމަކީ މަސް ބަންދުކުރާ ފެކްޓްރީ އަކަށް ދިއުމުގެ ފުރުސަތެވެ. މި އިނާމު ހާސިލުކޮށްފައިވަނީ އަޒްހާ އަސަދު މުސްޠަފާ، މަރިޔަމް ނަލަޝް ނާޒިމް އަދި އާމިނަތު ނީމެވެ. މި ދަތުރުގައި އެ ފެކްޓްރީ އެއްގެ އެއާ ކޮންޑިޝަން އަދި އާރޓް ރެފްރިޖެރޭޝަން ގެ ކަންތައްތައްތަކާއި އޭގެ ހާލަތު ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
ދުނިޔޭގެ އޯޒޯން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.