ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ނެދަލޭންޑްސް ސަރުކާރުން ދޭ 9 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 10.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެއްބަސްވުމުގައި މިއަދު ސޮއުކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަހުމަދު މުނައްވަރެވެ. ނެދަލޭންޑްސްގެ ސަރުކާރުން ސޮއިކުރެއްވީ ، ސްރީލަންކާގައި ހުންނަ ނެދަލެންޑް ގެ މިޝަންގެ ޑެޕިއުޓީ ހެޑް، މިސް. އީވާ ވެން ވޯސެމްއެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ)އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑު ފޯރ އެރެބް އިކޮނޮކިމް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑު)އިން ދޭ ލޯންގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު ހިންގުމަށް ކުވައިތު ފަންޑުން ދީފައިވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެކެވެ.
ކުވައިތު ފަންޑުން ދީފައިވާ 3.6 މިލިއަން ކުވައިތީ ދީނާރުގެ ލޯނަކީ 1.5% އިންޓަރެސްޓްގައި 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެކެވެ.