ޚަބަރު

ސާކް އެނަރޖީ ސެންޓަރުން އިންތިޒާމުކުރި އެނަރިޖީ ސްޓެޓިސްޓިކްސް ފޯރ މޯލްޑިވްސް ތަމްރީނު ޕްރޮގްރާމު ނިމިއްޖެ

3 އޯގަސްޓް 2016

ސާރކް އެނަރޖީ ސެންޓަރާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން އޯގަސްޓް މަހުގެ 2 އިން 3 އަށް ބޭއްވި ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި ބެހޭ ޓްރެއިނިންގ މިއަދު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި ޓްރެއިނިންގ ނިންމުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މި ޓްރެއިނިންގެ މުހިންމުކަން ފާހަގަކުރައްވާ ސާރކް އެނަރޖީ ސެންޓަރަށާއި އަދި އެ ސެންޓަރ ތަމްސީލުކުރެއްވުމުގެ ގޮތުން ވަޑައިގެންހުންނެވި މިސްޓަރ ސުރޭޝް ޝުރެސްތާއަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި ޓްރެއިނިންގ ކުރިއަށް ގެންގޮސްދެއްވާފައިވަނީ ޕާކިސްތާން ސަރުކާރުގެ ކޭޕީ އިކޮނޮމިކް ޒޯން ޑިޕާޓްމަންޓް އެންޑް މެނޭޖްމަންޓް ކޯޕަރޭޝަންގައި ޗީފް އިންފޮމޭޝަން އޮފިސަރގެ މަޤާމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ޑޮކްޓަރ ސާހިބްޒާދާ ޢަލީ މަހްމޫދެވެ. 02 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ގައި 6 މުއައްސަސާއަކުން ޖުމްލަ 15 ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ޓްރެއިނިންގްގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެމް.ޑަބްލިއު.އެސް.ސީ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިމެނެއެވެ.

މި ޓްރެއިނިންގ ގައި ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގެ މުހިންމުކަމާއި، ހަކަތައިގެ ދާރިރާގެ ޕްލޭން ތަކާއި ސިޔާސަތުތައް އެކުލަވަލުމުގައި ތަފާސްހިސާބުގެ ދައުރާއި، އަދި މަޢްލޫމަތު އެއްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ. އަދި މި ޓްރެއިނިންގ ގެ ދެވަނަ ދުވަހުގެ ރައްޖޭގައި މިހާރު އެއްކުރެވިފައިވާ މަޢްލޫމާތު ބޭނުންކޮށްގެން ޢަމަލީ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ.

ރާއްޖޭގެ ޖީ.ޑީ.ޕީ ގެ 20 އިންސައްތަ ހަކަތައިގެ ދާއިރާއަށް ހޭދަވާއިރު، ހަކަތައިގެ އެންމެ ފަހުގެ ތަފާސްހިސާބު އެކަށޭނެ ގޮތެއްގައި ހޯދުމުގެ ހުނަރު ކަމާގުޅޭ މުވައްޒަފުންނަށް އުނގަންނައިދީ، އަދި މި ތަފާސްހިސާބާއި މަޢުލޫމަތު އިތުބާރުކުރެވޭ ގޮތެއްގައި އެއްކޮށް ރައްކާތެރި ކުރެވޭނޭ ގޮތްތަކާބެހޭ މަޢުލޫމާތު ވަނީ މި ޓްރެއިނިންގ ގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.