ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި ހިންގާ އަރކިޓެކްޗަރ ޑިގްރީ ކޯހުގައި ކިޔަވައިދޭ މުގައްރަރުގައި ތިމާވެއްޓާއި ރަހްމަތްތެރި ގޮތްތައް ހިމެނިފައިވާ މިންވަރު ބެލުމަށާއި މާސްޓަރސް ޑިގްރީ ފެންވަރުގެ އަރކިޓެކްޗަރ ކޯހެއް ފެށުމަށް ބޭނުންވާ މުގައްރަރު އެކުލަވާލުމަށް ކަމާއި ގުޅުންހުރި ފަރާތްތަތަކާއި އެކު މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. ދެ ސެޝަނަކަށް ބާހާލައިގެން ނޮވެމްބަރ 13 އަދި 14 ވަނަ ދުވަހު ޝީ ބިލްޑިންގގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި އާކިޓެކްޗަރ ދާއިރާއާއި ގުޅުންހުރި ސަރުކަރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ބައިވެރިވިއެވެ.
މި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަނަޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކެޓްރީ އަލްފާޟިލް އަޖުވަދު މުސްޠަފާއެވެ. މި ރަސްމިއްޔާތުގައި އަޖުވަދު ދެއްކެވި ވާހަކަފުޅުގައި، މި މަސައްކަތު ބައްދަލުވުމުގެ ޒަރިއްޔާއިން އެއްކުރެވޭ ޚިޔާލުތަކުގެ ސަބަބުން، މި މަސައްކަތްކުރުމަށް ހަވާލުވެފައިވާ ޔުޓިލިކޯ ޕްރައިވެޓް ލިމިޓެޑާއި އަންސަރ ގްރޫޕް ޕްރިވެޓް ލިމިޓެޑްގެ ފަރާތުން އެކުލަވާލާ ކަރުދާސްތަކުގައި ހިމެނޭ މަޢުލޫމާތުތަކަކީ ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްޤީއަށް އަޅުގަނޑުމެން މި މިކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ކަމާއިގުޅުންހުރި ގިނަ ފަރާތްތަކެއް ބައިވެރިވެގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ވިހާވެސް ގިނަ ހިޔާލުތައް ހިއްސާކޮށްދެއްވައި މި މަސައްކަތަކީ ވިހާވެސް ފުރިހަމަ މަސައްކަތެއްގެ ގޮތުގައި ކުރިއަށްގެންގޮސްދެއްވުމަށް އަޖުވަދު އެދިވަޑައިގެންނެވިއެވެ.
މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢާއި ދިވެހި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.