ޚަބަރު

ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) އެކުލަވައިލުމުގެ ބައްދަލުވުމެއް ބާއްވައިފި

14 މެއި 2018

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސާފު ހަކަތައިން އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ ވަޢުދުގެ ތެރެއިން ހަކަތައިގެ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ދަނީ ކުރަމުންނެވެ. މި މަގުޗާޓު އެކުލަވައިލުމަށްޓަކައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ހިންގައި ތަރައްޤީ ކުރުމަށް މިހާތަނަށް ހެދިފައިވާ ސިޔާސަތުތަކާއި، ރޭވުންތަކާއި އަދި މަގުޗާޓުތައް ވަނީ މުރާޖަޢާ ކުރެވިފައެވެ. ހަމަ އެއާއެކު މިހާތަނަށް އައި އިރު މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ޙާޞިލުވެފައިވާ މިންވަރު ވަނީ ދެނެގަނެވިފައެވެ. މީގެ އިތުރުން މިފަހަރު އެކުލަވައިލެވޭ މަގުޗާޓަށް ބައިނަލްއަޤުވާމީ މާހިރުންގެ ފަންނީ ލަފާ ވެސް ވަނީ ހޯދާފައެވެ. މިކަންތައްތަކަށް ރިޢާޔަތްކޮށް އެކުލަވައިލެވުނު ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) ގެ އެންމެ ފަހުގެ ދެލިކޮޕީ ސަރުކާރުގެ މުޢައްސަސާތަކާއި، ހަކަތައިގެ ދާއިރާއާ ގުޅުންހުރި އަމިއްލަ ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކުރުމަށްޓަކައި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހޮޓެލް ޖެންގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ހަކަތަ އުފައްދާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ބައެއް ކުންފުނިތަކުންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މި މަގުޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ޚިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ވަނީ މަޝްވަރާ ކުރެވިފައެވެ.
ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) އެކުލަވައިލުމުގެ މަޤްސަދަކީ ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 އިންސައްތަ ސާފު ހަކަތައަށް ބަދަލު ކުރުމަށް ގެންނަންޖެހޭ ކަންކަމަށް މަގުދައްކުވައިދިނުމާއި، ދިވެހިރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދިނުމެވެ. އަދި މިއީ ދިވެހިރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވައިލެވޭ ފުރަތަމަ ފަހަރެވެ.