ޚަބަރު

ށ. މިލަންދޫގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

3 ޖުލައި 2018

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ށ. މިލަންދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެ މަނިކުފާނު ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ށ. މިލަންދޫގައި ނަރުދަމާ ނިޒާމު ޤާއިމކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ޙަވާލުކުރީ 19 އޯގަސްޓް 2014 ގައެވެ. އެ ކޮންޓްރެކްޓް އެއްބަސްވުމުގެ ދަށުން 15 މަސްދުވަހުގެ ތެރޭގައި އެރަށުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

މި މަޝްރޫޢަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫޢު އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި، އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓައި 13.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ރަށުގެ 700 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމުގެ ޚިދުމަތް 27 މާރިޗް 2017 އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެރަށުގައި ފޯރުކޮށްދެމުންނެވެ.