ޚަބަރު

ކޭލަކުނާއި ނޭކުރެންދޫ އަދި ބާރަށު ކުޅި ހިމާޔަތްކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

25 ޑިސެމްބަރ 2018

ހދ. ކޭލަކުނާއި އެ ރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ. މި ތިން ސަރަޙައްދުތައް ހިމާޔަތްކުރަން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މި ތިން ސަރަޙައްދަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުށަހެޅި ކަރުދާހުގެ މައްޗަށް މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަންފީޒުކުރާ ހިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.