ޚަބަރު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޕާރމަނަންޓް ސެކްރެޓަރީއަކަށް އަޖުވަދު މުޞްޠަފާ ހަމަޖައްސަވައިފި

23 ޖަނަވަރީ 2019

ސިވިލް ސާރވިސް ކޮމިޝަން (ސީ.އެސް.ސީ) އިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޕާރމަނަންޓް ސެކްރެޓަރީއަކަށް އަލްފާޟިލް އަޖުވަދު މުޞްޠަފާ ހަމަޖައްސަވައިފިއެވެ. އެ ބޭފުޅާ އެ މަޤާމަށް ހަމަޖެއްސެވިކަން އިޢުލާންކޮށް މަޤާމުގެ ފަތްކޮޅު ޙަވާލުކޮށްދެއްވީ މިއަދު މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އަޖުވަދު މުޞްޠަފާ ވަނީ ވޭތުވެދިޔަ ފަސް އަހަރުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ. މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ސީ.އެސް.ސީގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ އޮފީސް ހިންގުމުގެ ހުރިހާ ކަމެއްވެސް ސިވިލް ސާރވިސްގެ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ ވަނީ ކުރިއަށްވުރެވެސް ރަނގަޅަށް އޮފީސް ހިންގުމުގެ ކަންތައްތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން އަރުވާފއެވެ. މީގެ އިތުރުންވެސް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ޣައިރު ޤާނޫނީ އެއްވެސް ކަމެއްކުރަން ފުރުސަތު ނުދެއްވާނެ ކަމަށާއި އެގޮތުން އެފަދަ އެއްވެސްކަމެއް ކުރަން ވިދާޅުނުވާނެ ކަމުގެ ޔަޤީންކަން ސީ.އެސް.ސީގެ ރައީސަށް އަރުވާފައެވެ.

ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަކީ ފަސް އަހަރުގެ މުއްދަތުގެ މަޤާމެކެވެ. އަދި ފަސް އަހަރުގެ ދައުރު ހަމަވުމުން އަނެއްކާވެސް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.