އިއާދަކުރަނިވި ހަކަތައާއި އެނަރޖީ އެފިޝިއެންސީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އިންޑިއާ ސަރުކާރުގެ އެނަރޖީ އެފިޝިއެންސީ ސަރވިސަސް ލިމިޓެޑާއި ދެމެދު މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރައްވާ 2500 ލެޑް މަގުބައްތީގެ ތެރެއިން 500 މަގުބައްތި މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިފައެވެ. މި 500 މަގުބައްތި ބޭނުންކުރަން ހަމަޖެހިފައިވަނީ މާލޭގެ މަގުތަކުގައި ހުރި ލެޑް ނޫން ބޮކިތައް ކަރަންޓު ޚަރަދުކުޑަ ލެޑް ބައްތިއަށް ބަދަލުކުރުމަށެވެ.
މި މަގުބައްތިތައް ބޭނުންކުރަން ފެށުމުގެ ގޮތުން މާލޭގެ ޢިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރަން ފަށައިފިއެވެ. ޢިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މަގުގައި ހުރި ބޮކިތައް ލެޑް ބޮކިތަކަށް ބަދަލުކުރުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ހަދިޔާކުރައްވާ 2500 ބައްތި ހަރުކޮށް ކޮންމެ ދުވަހެއްގެ 12 ގަޑިއިރު މި ބައްތިތައް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް 480 ކިލޯވޮޓުއަވަރގެ ހަކަތަ ސަލާމަތް ކުރެވޭނެކަމަށާއި މިއީ ދުވާލަކަށް 40 ގެއަށް ބޭނުންވާ ކަރަންޓާ އެއްވަރު ޢަދަދެއްކަމަށެވެ. އަދި އަހަރަކަށް ބަލާ ނަމަ 685,000ރުފިޔާގެ ކަރަންޓު ސަލާމަތްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އަރިހުގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އިންޑީއާގެ އެނަރޖީ އެފިޝިއަންސީ ސާރވިސް ލިމިޓެޑްގެ ބޭފުޅުންގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.