ޚަބަރު

ގްރީން ކްލައިމެޓް ފަންޑުގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބޭއްވޭ އެންމެ ފަހު ބައްދަލުވުން ފަށައިފި

13 ނޮވެމްބަރ 2019

“ގްރީން ކްލައިމެޓް ފަންޑް” (ޖީ.ސީ.އެފް.) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ބޭއްވޭ އެންމެ ފަހު ބައްދަލުވުން މިއަދު ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމަނައިގެން ކުރިއަށްގެންދާ މި ބައްދަލުވުން އޮންނާނީ ނޮވެމްބަރު 13 އިން 14 އަށެވެ.

“ގްރީން ކްލައިމެޓް ފަންޑް” (ޖީ.ސީ.އެފް.) އަކީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތަކަށް ހައްލުހޯދުމަށް އެހީދިނުމަށް އ.ދ. ގެ މޫސުމީ ބަދަލުތަކާބެހޭ މުއާހަދާގެ ދަށުން އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ ފަންޑެކެވެ. މި ބައްދަލުވުމަކީ މި އަހަރު ފެބްރުއަރީ މަހު އިފްތިތާހްކުރި، ޖީ.ސީ.އެފް އާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާގެ އެހީ ލިބިގެން ހިންގާ މަޝްރޫޢުގެ ދަށުން އެކުލަވާލެވުނު އުސޫލުތަކާއި، ޖީ.ސީ.އެފް. އަށް ތައްޔާރުކުރާ ރާއްޖޭގެ ކަންޓްރީ ޕްރޮގްރާމް ފާސްކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ބޭއްވޭ ބައްދަލުވުމެކެވެ. ޖީ.ސީ.އެފް ފަންޑުން 24 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބިގެން ރާއްޖޭގެ އުތުރުގެ ރަށްރަށް އިރުވައިމޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫޢުތަކަށް ހޭދަކުރާ މިންވަރު ދަނީ މިފަހަކަށް އައިސް ވަރަށް ބޮޑުތަން އިތުރުކުރަންޖެހިފައިކަމަށާއޮ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެންބޮޑުވުން ހައްލުކުރުމާއި، ފެނަށް ޖެހުމުގެ މައްސަލަ ޙައްލުކުރުމާއި، ކާބޯތަކެތީގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން ކުރާ ހޭދަ ވަނީ ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރު 6 ގުނައަށް އިތުރުކުރަންޖެހިފައި ކަމަށެވެ. އަދި އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ. އަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ތިމާވެށި ރައްކާތެރި ކުރުމަށް 518 މިލިއަން ރުފިޔާއާއި، ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކަށް 907.9 މިލިއަން ރުފިޔާ ސަރުކާރުން ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ގިނަ ވަސީލަތްތަކެއް ތިމާވެށި ހިމާޔަތްކުރުމަށް މިހާރު ކަނޑައަޅާފައިވީ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ހޭދަ ދުވަހުން ދުވަހަށް އަދިވެސް ދަނީ އިތުރުވަމުންކަމަށާއި އެހެންކަމުން ބޭރުގެ އެހީ މިދާއިރާއަށް ހޯދުން އިތުރުކުރުން މިހާރު ވަނީ އިންތިހާއަށް މުހިއްމުވެފައި ކަމަށެވެ.

ތިމާވެށީގެ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ އިނޮވޭޓިވް ގޮތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންނެވެ. މިގޮތުން ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް މިހާރު ބޭނުންކުރެވެނީ މޯލްޑިވްސް ގްރީން ފަންޑްގެ ތެރެއިން ހަމައެކަނި ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށެވެ. މީގެ އިތުރުން ވެސް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގްރީން ލޯނާއި، އިޔާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ލުއިލޯނު ދޫކުރާ ދެ ފަންޑެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަކީ ސަރުކާރާއި ފަތުރުވެރިކަން ފަދަ އަމިއްލަ ވިޔަފާރިތައް ގުޅިގެން މިފަދަ މަޝްރޫޢުތަކަށް އެހީދޭ ފަންޑެކެވެ.

ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއަށް އެހީދޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ލިބެން އޮތް އެންމެ ބޮޑު މިންވަރަކުން އެފަރާތްތަކުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ. މީގެ ތެރޭގައި ރާއްޖެއާ އެކުވެރި ޤައުމުތަކާއި، ޑިވެލޮޕްމަންޓް ބޭންކްތަކާއި، އ.ދ ގެ އިދާރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެހީދޭ ބައިނަލްއަޤްވާމީ ފަންޑްތައް ހިމެނެއެވެ. މިގޮތުން 2014 ވަނަ އަހަރު ޤާއިމްކުރެވުނު ޖީ.ސީ.އެފް. އަކީ މޫސުމީ ބަދަލުތަކުގެ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު ފަންޑެވެ. މި ފަންޑުގެ ފުރަތަމަ ރިސޯސް މޮބިލައިޒޭޝަން ޕީރިއަޑްގައި 10 ބިލިއަން ޔޫ.އެސް. ޑޮލަރުން ފަންޑު ކެޕިޓަލައިޒްކުރެވުނެވެ. އަދި މި ފަންޑުގެ ދެވަނަ ރިސޯސް މޮބިލައިޒޭޝަންގެ މަސައްކަތް އެފަރާތުން މި އަހަރު ފަށާ، އެހީދޭ ޤައުމުތަކުން ޖުމްލަ 9.8 ބިލިއަން ޑޮލަރު ކުރިއަށް އޮތް 4 އަހަރުތެރޭ ފޯރުކޮށްދިނުމަށް ވެސް މިހާތަނަށް ވަނީ ޕްލެޖްކޮށްފައެވެ.