ޚަބަރު

ތިލަފުށި ހާބަރ ރީހެބިލިޓޭޝަންގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

24 ނޮވެމްބަރ 2019

ތިލަފުށީގެ ހާބަރ ރީހެބިލިޓޭޝަންގެ މަސައްކަތްކުރުމަށް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މާލެއަތޮޅު (ކ) ، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) އަދި ފެލިދެއަތޮޅު (ވ)  ހިމެނޭ ޒޯން 3 ގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އެހެނިހެން ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާތަކާއެކު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫޢެއް މިހާރު ކުރިއަށްދެއެވެ. މި  މަޝްރޫޢުއަކީ  އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް  ބޭންކް (އޭ.އައި.އައި.ބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު އެއް ނަތީޖާއަކަށްވާނީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނިމެނޭޖުކުރާނެ މަރުކަޒެއް ޤާއިމުވުމެވެ. ތިލަފުށީގައި ސަރަޙައްދީ ކުނިމެނޭޖުކުރާނެ މަރުކަޒެއް ޤާއިމުކުރެވޭއިރު، އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން ކުރިއަށްދާނީ ހާބަރ ރީހެބިލިޓޭޝަންގެ މަސައްކަތެވެ. ހާރބަރ ރީހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެޅުމާއި ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން ރިސައިކްލިންގ ޔާރޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގ ވަރކްޝޮޕެއް ތިލަފުށީގައި ހެދުމެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 8،800،544.68 ޔޫ.އެސް ޑޮލަރެވެ. މި ކޮންޓްރެކްޓް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.