އޭ.ޑީ.ބީ. އާއި ދިވެހި ސަރުކާރު ގުޅިގެން، ދިވެހިރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ހަކަތައިގެ ގްރިޑްތައް ޢިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަކާއި އެއްކޮށްލައިގެން ހައިބްރިޑް ހަކަތައިގެ ސިސްޓަމްތަކެއް ޤާއިމުކުރުމަށް މިއަންނަނީ މަސައްކަތްކުރަމުންނެވެ. “ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު” (ޕޮއިސްޑް) ގެ ދަށުން ހަކަތަ ބޭނުންކުރާގޮތް ބަލަހައްޓައި ކޮންޓްރޯލު ކުރެވޭނޭ ސިސްޓަމުތަކެއް ދަނީ ޤާއިމުކުރެވެމުންނެވެ. މީގެ ތެރޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރަމުން އަންނަ ޑީސަލް ތެޔޮ ބޭނުންކުރުން ވަރަށް ބޮޑުތަން މަދުކުރުމަށްޓަކައި ހަކަތަ ރައްކާކުރާނޭ ވަޞީލަތްތަކާއި ޑިސްޓްރިބިއުޝަން ނެޓްވަރކްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެެވެ. މިގޮތުން އިރުގެ އައްޔާއި ޑީސަލްތެޔޮ ބޭނުންކުރާ ހަކަތައިގެ ގްރިޑަށް ބޭނުންވާ އާލާތްތައް 160 ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެދަށުން ޑީސަލް ބޭނުންކުރާ ޤާބިލުކަން ކުޑަ ހަކަތައިގެ ގްރިޑުތައް، ޢިއާދަކުރަނިވި ހަކަތައާއި ޑީސަލް ބޭނުންކުރާ ގްރިިޑުތަކަކަށް ބަދަލުކުރެވިގެންދާނެއެވެ. މީގެ ބޭނުންތަކުގެ ތެރޭގައި ކަރަންޓުގެ ޚަރަދު ކުޑަކުރުމާއި، ޖައްވަށް ބޭރުކުރާ ދުމުގެ ބައި ކުޑަކުރުމާއި ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރަންޖެހޭ ހޭދަ ކުޑަކުރުން ހިމެނެއެވެ.
މަޝްރޫޢު
ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބްލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)
