20 ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ 2 ވަނަ ބުރުގެ ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން: ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ބޮޑު ކުރިއެރުމެއް
20 ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ 2 ވަނަ ބުރުގެ ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން: ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ބޮޑު ކުރިއެރުމެއް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއަކީ 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ. އަދި މި މަޝްރޫޢު އިފްތިތާޙް ކުރެވިގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށިދުވަހުއެވެ. މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމުގެ އަހުދު ލިބި. 1.8 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވެއެވެ. މި ހިނގާ 2026 ވަނަ އަހަރުގެ އަމާޒަކަށް ވެފައިވަނީ އިތުރު 1 މިލިއަން ގަސް އިންދުމެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ގަސްއިންދުމުގެ މަސައްކަތް ކުރުމަށް އުމްރާނީ ވަސީލަތް ތަރައްޤީ ކުރުމަށް ޚާއްސަ ސަމާލުކަމެއް މި މަޝްރޫޢުގެ ދަށުން ދެވިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީ ކައުންސިލުތަކަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވައި، މިމަސައްކަތުގެ ފުރަތަމަ ބުރުގައި 10 ރަށާއި 2 ވަނަ ބުރުގެ 10 ރަށާއި އެކު ވަނީ ސޮއިކުރެވި، ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފަށާފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:
ހއ. ކެލާ
ށ. މިލަންދޫ
ނ. ކެނދިކުޅުދޫ
ރ. އިންނަމާދޫ
ބ. މާޅޮސް

އއ. މަތިވެރި
މ. މުލައް
ތ. ކިނބިދޫ
ގއ. ދާންދޫ
ގދ. ތިނަދޫ ސިޓީ

މި މަޝްރޫއުގެ 2ވަނަ ބުރުގައި ހިމެނޭ 10 ރަށަކީ:
ހދ. ނޮޅިވަރަމް
އދ. ދިއްދޫ
ފ. ދަރަނބޫދޫ
ދ. މީދޫ
ލ. ހިތަދޫ

ލ. ފޮނަދޫ
ފުވައްމުލައް ސިޓީ
ސ. މީދޫ
ގދ. ވާދޫ
ކ. ހިންމަފުށި

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 (ފަސްލައްކަ) ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް މުޑުވައްކުރެވިގެންދާނެއެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ނާސަރީތަކަކީ ދިގުމުއްދަތަކަށް ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެއެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ޗައިނާގެ އެހީގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 55000 އަކަފޫޓުގެ އެންމެޒަމާނީ ފެންވަރުގެ ނާސަރީއެއް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމައި ހުޅުވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ 5 ޖޫން 2027 އެވެ.
