ޔޫއެންސީސީޑީ ކޮޕް17 ގައި، ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ޝާމިލުވާ ގޮތަށް ބިމުގެ ފެންވަރު ދަށްވުމުގެ އިންޑިކޭޓަރުތަކާއި ފައިނޭންސިންގ ހަމަޖެއްސުމަށް ރާއްޖެއިން ވަކާލާތުކޮށްފި

މޮންގޯލިއާގެ އުލާންބަތާރުގައި 14 އިން 24 އޮގަސްޓް 2026 އަށް ކުރިއަށްދާ ޔޫ.އެން.ސީ.ސީ.ޑީ ގެ 17 ވަނަ ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ގައި، ކޮންވެންޝަންގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތްތައް ބައްޓަންކުރުމުގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމަށް ރާއްޖެއިން ވަކާލާތުކޮށްފިއެވެ. މި ބައްދަލުވުމުގައި ދިވެހި ރާއްޖެ ތަމްސީލުކުރަނީ ޑިރެކްޓަރ އަޙްމަދު ޝާން އަދި ސީނިއަރ ސަރވޭޔަރ ޢާއިޝަތު އަލްހާން ޙަމީދުއެވެ.
މި އަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވެމުންދަނީ ހަނަފަސްކަމަށް އޮތް ވިލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ހަނަފަސްވުން ހުއްޓުވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޕްލޭންތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށް ގްލޯބަލް ފްރޭމްވޯކެއް އެކުލަވާލުމުގެ މަޝްވަރާތައް ހިމެނެއެވެ. މީގެއިތުރުން، ބިމުގެ މުއްސަނދިކަން ގެއްލިގެން ދިއުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ("ލޭންޑް ޑިގްރެޑޭޝަން ނިއުޓްރަލިޓީ") ހާސިލުކުރުމަށްޓަކައި ދަނޑުބިންތަކާއި، އަދި ވިނަ ދަނޑުތައް އިއާދަކުރުމަށް ޚާއްޞަ މާލީ ނިޒާމުތައް ކަނޑައަޅައި، ޕްރައިވެޓް އަދި ސަރުކާރުގެ އިންވެސްޓްމަންޓްތައް ހޯދޭނެ ގޮތްތައް ކަނޑައެޅުމުގެ މަޝްވަރާތައްވެސް ދަނީ ކުރެވެމުންނެވެ.
ދިވެހިރާއްޖޭއިން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވަކާލާތުކޮށްފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވާ ޚާއްޞަ ނާޒުކު ހާލަތްތަކާއި ގޮންޖެހުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި ދެނެގަތުމެވެ. އަދި މި ކޮންވެންޝަންގެ ރިޕޯޓިންގ އޮނިގަނޑުތަކަކީ މިފަދަ ޤައުމުތަކުގެ ހަޤީޤީ ހާލަތު ފުރިހަމައަށް ދައްކުވައިދޭ ނިޒާމަކަށް ހެދުމާއެކު، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ޢަމަލީ ފިޔަވަޅުތައް އެޅޭނެ ޤާބިލުކަން އިތުރުކޮށް، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް އިތުރަށް ފުރިހަމަކުރުމެވެ.
މި އަހަރުގެ ކޮޕް ގެ ތީމް "ބިން އިއާދަކުރުން. އުންމީދު އިއާދަކުރުން." މި ޝިޢާރުގެ ދަށުން، ރާއްޖޭގެ އެއްގަމާއި އައްސޭރިފަށުގެ އިކޯސިސްޓަމްތައް ޙިމާޔަތްކުރުމަށްޓަކައި ސިޑްސްގެ ބައިވެރިންނާއި ދުނިޔޭގެ ފަރާތްތަކާއެކު މަސައްކަތްކުރުމަށް ރާއްޖެއިން އޮތް އަޒުމް އަލުން ކަށަވަރުކޮށްދީފައިވެއެވެ.

