އ. ދ. ގެ ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަރޓިފިކޭޝަންގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާރޓީސްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވުން

އުލާންބާތަރު، މޮންގޯލިއާ (24–26 އޯގަސްޓް 2026)
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޢަލީ ޝަރީފް، މޮންގޯލިއާގެ އުލާންބާތަރުގައި ބޭއްވި އދ. ގެ ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި ބިމާއި ފަސްގަނޑު ރައްކާތެރިކުރުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާ ވަކާލާތުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ބޭނުންވާ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީ އަދި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލާފައެވެ.
މި ދަތުރުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ ޑިރެކްޓަރ އަޙްމަދު ޝާން އަދި ސީނިއަރ ސަރވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި މި މުއާހަދާގައި ބައިވެރިވެފައިވާ 197 ގައުމުގެ ވަފުދު ވަނީ ބައިވެރިވެފައިއެވެ. އަދި ބައްދަލުވުމުގެ ތެރޭގައި ބިމާއި ފަސްގަނޑު ރައްކާތެރިކުރުމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ. މީގެ އިތުރުން ފެނުގެ ރައްކާތެރިކަމާއި، ކާނާގެ ނިޒާމުތައް ފަދަ ވަކި މައުލޫއުތަކަށް ހާއްސަ މަޝްވަރާތައްވެސް ވަނީ ކޮށްފައެވެ.
މާލީ އެހީތެރިކަމުގެ ނިޒާމުތަކަށް ހާއްސަކޮށްފައިވާ މަޝްވަރާގައި މިނިސްޓަރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ޖަޒީރާ ގައުމުތަކުގެ ބިން ހަލާކުވުމުގެ މައްސަލައަކީ ހަމައެކަނި ހަނަފަސް ބިންތަކަށް އަމާޒުކޮށްފައިވާ އޮނިގަނޑެއްގެ ތެރެއިން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. ރަށްގިރުމާއި، ބިމުގެ ފެން ފަށަލަ ލޮނުވުމާއި ތަޣައްޔަރުވުމަކީވެސް ބިން ހަލާކުވުމުގެ މައިގަނޑު ސަބަބުތައް ކަމަށާއި، ނަމަވެސް ބައިނަލްއަގްވާމީ ގޮތުން މިހާރު ގާއިމުކޮށްފައި ހުރި މާލީ ނިޒާމުތަކުން މިފަދަ މައްސަލަތަކަށް އެދެވޭ ސަމާލުކަމެއް ނުދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އައްސޭރިފަށުގެ ބިން ހަލާކުވުމަކީ ހަނަފަސްވުމާ ތަފާތު ކަމެއްގެ ގޮތުގައި ބަލައިގަތުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި، ސިޑްސް ގައުމުތަކަށް ޚާއްޞަ "ބްލޫ-ގްރީން" މާލީ ނިޒާމުތައް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ފެނުގެ ރައްކާތެރިކަމަކީ މޫސުމީ ރައްކާތެރިކަމާއި، އާންމު ސިއްހަތާއި، ގައުމީ ވިލުންތެރިކަމާ ގުޅިފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ވާރޭ ފެނާއި ޑީސެލިނޭޝަނަށް ބަރޯސާވެފައިވާ ގައުމެއްކަމާއެކު، ރާއްޖޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ މާލީ އެހީއާއި އީޖާދީ ޓެކްނޮލިޖީ ބޭނުންވާކަމަށް ފެނުގެ މަޝްވަރާތަކަށް ހާއްސަކޮށްފައިވާ ދުވަހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، "ރިއޯ ސިނަރޖީސް" އާ ގުޅޭ މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުން ފަދަ ކަންކަމަކީ ޖަޒީރާ ގައުމުތަކުގެ ބިން ހަލާކުވުމުގެ މައިގަނޑު ސަބަބުތައް ކަމުގައިވާތީ، ބައިނަލްއަގުވާމީ މިންގަނޑުތަކާއި މާލީ އެހީތެރިކަން ދިނުމުގައި މި ކަންކަމަށް ރިއާޔަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
ސިޑްސް ގައުމުތަކަށް ޚާއްޞަ "ރައުންޑް ޓޭބަލް" ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ރާއްޖޭގެ ބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އާބާދީ އިތުރުވުމާއި އުމްރާނީ ތަރައްގީގެ ސަބަބުން ބިމަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި މިހާރު ތަރައްގީކުރަމުންދާ ޔޫ.އެން.ސީ.ސީ.ޑީގެ ސްޓްރެޓީޖިކް ފްރޭމްވޯކްގައި ސިޑްސް ގައުމުތަކުގެ ބޭނުންތަކާއި ލަނޑުދަނޑިތައް ހިމެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ބައިލޭޓެރަލް މަޝްވަރާތައް
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޢަލީ ޝަރީފް ވަނީ ތިމާވެށި ހިމާޔަތްކުރުމާއި، ސެޓެލައިޓް ޑޭޓާ އަދި ބިން ބެލެހެއްޓުމުގެ ދާއިރާއިން އެހީތެރިކަން ހޯދުމަށް ގިނަ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ އެންވަޔަރަންމަންޓް މިނިސްޓަރު ބުޕެންދަރް ޔާދަވްއާ ސައުދީ އަރަބިއްޔާގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ އޮސާމާ އިބްރާހީމް ފަޤީހާ އަދި "މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވް"ގެ ސެކްރެޓަރީ ޖެނެރަލް، އިންޖިނިއަރ އިބްރާހީމް އަލްތުރްކީ އާއި ބައްދަލުކުރައްވައި، "މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް" ގައި ރާއްޖެ ބައިވެރިވުމާ ގުޅޭގޮތުންނާއި، ތަމްރީނާއި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި މީގެ އިތުރުން ސެޓެލައިޓް ޑާޓާ ފޯރުކޮށްދޭ އޭޖެންސީތަކުގެ ބޭފުޅުންނާއި މިނިސްޓަރ ބައްދަލުކުރެއްވިއެވެ. އެގޮތުން، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީ.އެސް.އޭ) އާއި ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްއާ (ސީ.ބީ.އޭ.އެސް) ބައްދަލުކުރައްވާ، ސެޓެލައިޓް މެދުވެރިކޮށް ބިމަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، އެކަމާ ގުޅޭ ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ޔޫ.އެން.ސީ.ސީ.ޑީ އަކީ ކޮބާ؟
ޔޫ.އެން.ސީ.ސީ.ޑީ އަކީ ބިމުގެ ދެމެހެއްޓެނިވި މެނޭޖްމަންޓާއި ތިމާވެށި ގުޅުވައިދޭ ބައިނަލްއަގުވާމީ ގާނޫނީ ބާރުވެރިކަން އޮތް ހަމައެކަނި މުއާހަދާއެވެ. 1994 ވަނަ އަހަރު އުފެދުނު މި މުއާހަދާގައި 197 ގައުމަކުން ބައިވެރިވެއެވެ. ދިވެހިރާއްޖެ މި މުއާހަދާގައި ބައިވެރިވީ 3 ސެޕްޓެމްބަރު 2002 ގައެވެ.
