5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމުން ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ޓީމުން މިނިސްޓްރީ އޮފް ޑިފެންސްގެ އިސްވެރިންނާ ބައްދަލުކޮށް، ގުޅިގެން މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި ޑިފެންސް މިނިސްޓްރީ ގުޅިގެން، ފުޅާ ދާއިރާއެއްގައި ގަސް އިންދުމުގެ ޚާއްޞަ ބޮޑު ހަރަކާތެއް ބޭއްވުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، ތިމާވެށި ޙިމާޔަތްކުރުމަށާއި ރާއްޖޭގެ ފެހިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މި މުހިންމު ޤައުމީ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ދެފަރާތް ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާ މެދު ވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަތިވެރި މަޤްޞަދުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ފަށާފައިވާ ބޮޑު މަޝްރޫޢެކެވެ.

މި މުހިންމު ޤައުމީ މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ފަރާތްތައް ގުޅިގެން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
