ސްޓޮކްހޯމް ކޮންވެންޝަންގެ އިންވެންޓްރީ ރިޕޯޓްތައް ފާސްކޮށް، އެކްޝަން ޕްލޭން އެކުލަވާލުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ

"ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯރ ދަ ސްޓޮކްހޯމް ކޮންވެންޝަން އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ތައްޔާރުކޮށްފައިވާ އިންވެންޓްރީ ރިޕޯޓްތައް ވެލިޑޭޓްކުރުމަށާއި، ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމަށް ބޭއްވި 2 ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމާލައިފި
2017 ވަނަ އަހަރު ސްޓޮކްހޯމް ކޮންވެންޝަންގެ ދަށުން ރާއްޖެއިން ތައްޔާރުކޮށްފައިވާ "ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯރ ދަ ސްޓޮކްހޯމް ކޮންވެންޝަން އިން ދަ މޯލްޑިވްސް" އަޕްޑޭޓްކުރުމަށްޓަކައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމެންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށްގެންދާ "ރިވިއު އެންޑް އަޕްޑޭޓް އޮފް ދި ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯރ ދަ ސްޓޮކްހޯމް ކޮންވެންޝަން ފޯރ ޕަރސިސްޓަންޓް އޯރގަނިކް ޕޮލިއުޓަންޓްސް (ޕޮޕްސް) އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން އެކުލަވާލެވިފައިވާ އިންވެންޓްރީ ރިޕޯޓްތައް ވެލިޑޭޓްކުރުމަށާއި، ޕޮޕްސް އާ ގުޅޭ ނޭޝަނަލް އެކްޝަން ޕްލޭން ފާސްކުރުމަށް 16 އަދި 17 ނޮވެމްބަރުގައި ބޭއްވި މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ. މި މަޝްރޫޢުއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީގެ ދަށުން ބީސީއާރްސީ ޗައިނާއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.
މި މަސައްކަތު ބައްދަލުވުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ޕޮޕްސްއާއި ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭންއާގުޅޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ރޯލަންޑް ވެބަރ، އަދި ކޮމަރސް ޑިވެލޮޕްމެންޓް އެންޑް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް (ސީޑީއީ) ގެ ކޮންސަލްޓެންޓް ޓީމެވެ. 16 ނޮވެމްބަރުގެ ސެޝަންތަކުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ކުންފުނިތަކާއި، ޕްރައިވެޓް ސެކްޓަރ އިން 27 ބޭފުޅަކު ބައިވެރިވިއިރު 17 ނޮވެމްބަރުގެ ސެޝަންތަކުގައި 23 ބޭފުޅަކު ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ޕޮޕްސް ޕެސްޓިސައިޑްސް، ހައިލީ ހަޒާރޑަސް ޕެސްޓިސައިޑްސް، އަންއިންޓެންޝަނަލް ޕޮޕްސް، ޝޯޓް ޗެއިން އެންޑް މީޑިއަމް ޗެއިން ކްލޮރިނޭޓެޑް ޕެރަފިންސް، ޕޮލިކްލޮރިނޭޓެޑް ބައިފިނައިލް، އިލެކްޓްރިކަލް އާއި އިލެކްޓްރޯނިކް އާލާތްތަކާއި، އިމާރާތްކުރުމާއި ދަތުރުފަތުރާ ގުޅުންހުރި އިންވެންޓްރީ ރިޕޯޓްތައްވަނީ ވެލިޑޭޓްކޮށްފައެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލް ޢަޖުވަދު މުޞްޠަފާ ވިދާޅުވީ ނުރައްކާތެރި ކެމިކަލްތަކުން އާންމު ޞިއްޙަތާއި، ތިމާވެށި ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ޕޮޕްސްއާ ގުޅުންހުރި ސިޔާސަތުތަކާއި، ޤަވާއިދުތައް ހެދުމަށް އެހީތެރިވެދޭނެކަން ފާހަގަކުރައްވައި، ކަމާގުޅުންހުރި އިދާރާތަކުގެ ފަރާތުން މިކަމަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
