ޗައިނާގައި ބާއްވާ ނާސަރީ މެނޭޖްމަންޓް ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ފުރަތަމަ ބެޗް ފުރައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ ނާސަރީތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ "ނާސަރީ މެނޭޖްމަންޓް ޕްރެޕަރޭޓަރީ ޕްރޮގްރާމް" ގެ ފުރަތަމަ 10 ބައިވެރިންނަށް އަމާޒުކޮށްގެން ބާއްވާ އޮރިއެންޓޭޝަން ސެޝަން މިއަދު ޗައިނާގެ ފޫޖިއަން ޕްރޮވިންސްގައި ބާއްވައިފިއެވެ
އޮކްޓޯބަރު 27 އިން ނޮވެމްބަރު 7 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގަސްގަހާގެހި އާލާކުރާ ނާސަރީތައް ބެލެހެއްޓުމުގެ ފަންނީ އިލްމާއި އަމަލީ ހުނަރުތައް ދަސްކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ފަސް މިލިއަން ގަސް" އިންދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނާސަރީތައް ގާއިމުކޮށް، ހިންގައި، ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަކީ މި ތަމްރީނުގެ އަމާޒެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ގަސް އާލާކުރުމާއި، މަޝްރޫއުގެ ދަށުން އުފައްދާ ނާސަރީތައް ހަރުދަނާކަމާއެކު ހިންގުމަށް ބޭނުންވާ މެނޭޖްމަންޓް ހުނަރުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ
ފޫޖިއަން ޕްރޮވިންސްގެ ދަނޑުވެރިކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޚާއްޞަ ތަމްރީނަށް ދިވެހި ވަފުދު ޗައިނާއަށް ފުރާފައިވަނީ އޮކްޓޯބަރު 27 ގައެވެ. މި ތަމްރީނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ 20 ނާސަރީއަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުޅި ރާއްޖޭގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ހަރަކާތްތަކަށް ބޭނުންވާ ގަސް މުޑުވަށްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ތަމްރީނެކެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް މިދަނީ ރާއްޖޭގެ 20 ރަށެއްގައި ނާސަރީތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. ނާސަރީ ތަރައްގީކުރުމުގެ ގްރާންޓް މަޝްރޫއުގެ ދަށުން، މިއިން ކޮންމެ ރަށު ކައުންސިލަކަށް ނާސަރީ ގާއިމުކުރުމަށް 500,000 ރުފިޔާ ދޫކުރެއެވެ. މިގޮތުން ގާއިމުކުރާ ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފެއްދޭނެ ކަމަށް ލަފާކުރެވެއެވެ. މި ނާސަރީތަކުގެ ބޭނުމަކީ ގަސް އިންދުމުގެ ހަރަކާތްތަކަށް ބޭނުންވާ ގަސް ފޯރުކޮށްދިނުމާއި، ކައިރި ރަށްރަށަށް ފަސޭހައިން ގަސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ނިމުނު ސެޕްޓެމްބަރު 2026 ގައި ވަނީ މި މަޝްރޫއުގެ ދެވަނަ ބުރުގެ ދަށުން އިތުރު 10 ރަށެއްގެ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެ ކުރިންވެސް ވަނީ 10 ރަށެއްގައި މި މަސައްކަތް ފަށާފައެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ޗައިނާގެ އެހީތެރިކަމާއެކު ދަނީ އިންތިޒާމުކުރެވެމުންނެވެ.
ނާސަރީ ތަރައްގީކުރުމުގައި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމުގެ ދަށުން، ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ނާސަރީއެއް ގާއިމުކުރުންވެސް ހިމެނެއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރާ 55,000 އަކަފޫޓުގެ މި ނާސަރީގެ މަސައްކަތް ނިމި، 5 ޖޫން 2027 ގައި ހުޅުވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
ފޫޖިއަންގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ނާސަރީތަކުގެ ވިއުގައަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމަށާއި، ގަސް އިންދުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
5 ޖޫން 2024 ގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު ފެށި "ފަސް މިލިއަން ގަސް" އިންދުމުގެ މަޝްރޫއަކީ ރާއްޖޭގެ ފެހިކަން އިތުރުކުރުމަށާއި، ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ ބާވަތްތައް ރައްކާތެރިކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ގައުމީ މަޝްރޫއެކެވެ.
ރަށްރަށުގައި ނާސަރީތައް ތަރައްގީކޮށް، އަމަލީ ތަމްރީނުތަކަށް އިންވެސްޓްކުރުމުގެ ބޭނުމަކީ 2028 ވަނައަހަރު ނިމުމުގެ ކުރިން ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ އަމާޒަށް ވާސިލުވުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ގަސް ލިބޭނެ މަގު ތަނަވަސްކުރުމެވެ.
