މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްފައިވަނީ 23 ޖޫން 2026 ގައި މީރުމާގައި ބޭއްވުނު "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގައެވެ. މިއީ މިނިސްޓްރީން ތަންފީޛުކުރަމުންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުން، މޫސުމީ ނުރައްކާތަކުން ތިމާވެއްޓާއި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.
މި ގްރާންޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަލްފާޟިލް އަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި "މެޗިންގ ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ" ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ގްރާންޓްގެ ދަށުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވަނީ މައިގަނޑު ތިން ދާއިރާ ނުވަތަ ތީމަކަށެވެ. އެއީ: މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތައް، ޑިޖިޓަލް އަދި މޫސުމީ އީޖާދުތައް، އަދި ވެލިއު-ޗެއިން ތަރައްގީކުރުމާއި، އުފެއްދުންތެރިކަން އަދި މާކެޓް އީޖާދުތަކެވެ.
މި ގްރާންޓްގެ ފުރަތަމަ ބުރު ހާއްސަކުރެވިފައިވަނީ ވަކިވަކި ފަރުދުންނަށެވެ. މި ގްރާންޓްގެ އެހެނިހެން ބުރުތަކުގައި ވަކިވަކި ފަރުދުންގެ އިތުރުން އެހެނިހެން ޓިއަރ ތައް ހުޅުވާލެވިގެންދާނެއެވެ. މިއަދު މި ގްރާންޓް ރަސްމީކޮށް އިފްތިތާޙު ކުރެވުނު ނަމަވެސް، 'އެސް.އެމް.އީ ޑިޖިޓަލް' ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނީ 23 ޖުލައި 2026 ގައެވެ. މި ފުރުސަތު ހުޅުވިފައި އޮންނާނީ 150 އެޕްލިކޭޝަން ހަމަވަންދެން ނުވަތަ 23 އޯގަސްޓް 2026 ގެ ނިޔަލަށެވެ.
23 – 24 ޖޫން 2026 ގައި ކުރިއަށްދާ "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގެ ދެވަނަ ދުވަހު ގްރާންޓާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގުޅުންހުރި މުއައްސަސާތައް އެކުވެގެން މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންދެވޭނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި، އަތޮޅު ތެރޭގެ ކައުންސިލްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފަރާތްތައް ހިމެނޭގޮތަށް 30 ބައިވެރިން ބައިވެރިކުރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މިވޯރކްޝޮޕްގައި ގްރާންޓް އާއި ބެހޭ މަޢުލޫމާތާއި އެސް. އެމް. އީ ޑިޖިޓަލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ފުރާނެ ގޮތުގެ މަޢުލޫމާތު ބައިވެރިންނާއިއެކު ޙިއްސާ ކުރެވިގެންދާނެއެވެ. ވަކިން ޚާއްސަގޮތެއްގައި ގްރާންޓަށް ކުރިމަތިލެވޭ ތިން ދާއިރާގެ ތަޖުރިބާކާރުންނާއި މާހިރުންނާއި އެކު ޝައުގުވެރިކަންހުރި ޚިޔާލެއް ނުވަތަ ގްރާންޓަށް އެދޭނެ ކަމަކާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ މަޝްރޫޢުގެ ލަނޑުދަނޑި ތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް މުއައްސަސާތަކާއި މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމާއި، ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ފެންބޮޑުވުމާއި އުދައެރުމުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ އިތުރުން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި މޫސުމީ ބަދަލުތަކަށް އެކަށޭނަ ޓެކްނޮލޮޖީތަކާއި އާދަތައް ތަޢާރަފުކުރުން އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވޭ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރުކުރުމާއި، ދަނޑުވެރިކަން ކުރިއެރުވައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މިއީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ (އޭ.ޑީ.ބީ) މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
