5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އޭދަފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، ބ. އޭދަފުށީގައި މިއަދު ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެހިކަން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ރަށްތައް ހިމާޔަތްކުރުމުގެ މަޤްޞަދުގައެވެ.
އޭދަފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި މިނިސްޓަރ އަލްފާޟިލް ޢަލީ ޝަރީފް ވަނީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ގަސް އިންދަވައިދެއްވާފައެވެ. މިނިސްޓަރުގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ފަށާފައިވާ މި ޕްރޮޖެކްޓަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ޕްރޮގްރާމެކެވެ. މިއަދު އޭދަފުށީގައި އިންދި ގަސްތަކުގެ ތެރޭގައި ރަށުގެ ވެއްޓާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސް ހިމެނެއެވެ.

